އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު
ކުރިއަށް އޮތް އިންތިހާބުތަކުގެ ކެމްޕެއިންގެ މައިގަނޑު މަސައްކަތަކީ މީހުންގެ އަބުރު ކަތިލުން ކަމުގައި ވަނީނަމަ، "ގްރޭޓަރ އައްޑޫ" މަޝްރޫޢުގެ ހަގީގީ މަގްސަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެމުންދާ ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުތަކާ ދިމާކޮށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތަށް އިދިކޮޅު ކެނޑިޑޭޓުންގެ އަގު ވައްޓާލަން މަސައްކަތް ކުރަމުންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ނިޒާރުގެ ޕޯސްޓުގައި އައްޑޫގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ހަތަރު މައިގަނޑު ނުކުތާއެއް ފާހަގަކުރެއްވިއެވެ. އެގޮތުން، އައްޑޫ ރައްޔިތުންގެ އެކުވެރިކަމާއި ބަދަހިކަން ފުނޑާލުމަށްޓަކައި ސަރުކާރުން ފުރަތަމަ ކުރި ކަމަކީ އައްޑޫ އިދާރީ ގޮތުން ބައިބައި ކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، އައްޑޫގެ އިގްތިސާދު ހަލާކުކޮށްލުމަށްޓަކައި އައްޑޫއަކީ ގޭންގް މަރުކަޒަކަށް ހަދާލުމުގެ މަސައްކަތް ފެށުމެވެ.

މީގެ އިތުރުން، އައްޑޫގެ ޒުވާން ވިޔަފާރިވެރިން ބްލެކްމެއިލްކޮށް އަޅުވެތިކުރަން ފަށާފައިވާ ކަމަށާއި، ހަތަރުވަނަ ކަމަކަށް އައްޑޫގެ ޒުވާނުންނަށް ރިޝްވަތުގެ ކަޅުފައިސާ ބަހައިގެން މީހުންގެ އަބުރު ކަތިލުމަށް ހިތްވަރުދީ އެކަން ކުރުވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މޭޔަރު ތުހުމަތު ކުރެއްވިއެވެ.

"އުފެދޭ ސުވާލަކީ އިންތިހާބުގެ ކެމްޕެއިންގެ މައިގަޑު މަސައްކަތަކީ މި މުޑުދާރު އަމަލުތައް ކަމުގައި ވާނަމަ ގްރޭޓަރ އައްޑޫގެ މަގުސަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެމުން ދާކަން،" ނިޒާރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު