މިއަދު ބޭއްވި އިންތިހާބުތަކުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިއަދު ބޭއްވި އިންތިހާބުތަކުގެ ތެރެއިން، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާއަށް އިޙްތިރާމްކޮށް، ސުލްހަވެރިކަން އިސްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ކޮމިޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމިޤްރާޠީ އުޞޫލުން ރައްޔިތުން ބައިވެރިވެގެން ނިންމި ނިންމުންތައް އެންމެހައި ފަރާތްތަކުން ބަލައިގަތުމަށް ބާރުއަޅާ ކަމަށެވެ.

ޚާއްޞަކޮށް ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި، އިންތިޚާބުގެ ނަތީޖާއާ މެދު އެއްވެސް ދެބަސްވުމެއް އޮތް ނަމަވެސް، އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް، ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯއްދެވުމަށް އެޗްއާރްސީއެމުން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.

މިއަދު ކުރިއަށްދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރުވެސް ބާރުސްޕީޑެއްގައި ކުރިއަށްދާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ގިނަ ގޮނޑިތަކުގެ ކުރީގައި އުޅުއްވަނީ އިދިކޮޅު ކެނޑިޑޭޓުންނެވެ. ވަކިން ހާއްސަކޮށް، ސަރުކާރުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުގެ ހުށަހެޅުންތަކާ ދެކޮޅަށް "ނޫނެކޭ" ބުނެފައެވެ.

އެޗްއާރްސީއެމުން ބުނީ އިންތިޚާބަކީ ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށާއި، އެ ނިންމުމަށް އިޙްތިރާމް ކުރުމަކީ ދިމިޤްރާޠީ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފަ ކަމަށެވެ. އަދި އެއްވެސް ޚިޔާލުތަފާތުވުމެއް އުފެދޭ ހާލަތްތަކުގައިވެސް، މަސްލަހަތު ނަގާނުލައި ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރުމަށް އެ ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް