އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން-
އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން-
ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް މީހަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވާދަކުރަށްވާނީ އެމްޑީޕީ އާއި ޕީއެންސީން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި އިންތިޚާބުގައި ވާދަ ކުރަށްވާނީ، ކުރިންވެސް އެމަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ ކެންޑިޑޭޓް ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ އާއި ޕީއެންސީގެ ކެންޑިޑޭޓު ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދު ކަމަށެވެ. މި ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ.

ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު އެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލާން މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނެވެ.

ޕީއެންސީގެ ފަރާތުން ވާދަކުރަށްވާ އަހުމަދު އަމަން މުހައްމަދަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރަށްވައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި ޝުޖާޢު ޢަލީގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލު ކުރެއްވުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޖުލައި 19 ގައި ނިންމުމާ ގުޅިގެންނެވެ.

އެލްޖީއޭއިން ބުނެފައިވަނީ، ޝުޖާޢު މަގާމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެ އޮތޯރިޓީގެ ބޯޑުން ނިންމާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ. ޝުޖާޢު ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގަތީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައެވެ. ނަމަވެސް، އެޕާޓީ އުވާލުމާ ގުޅިގެން، އޭނާ ވަނީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ސޮއިކުރަށްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު އެ ދައުރުގެ ތެރޭގައި އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، އެ މީހެއްގެ ކައުންސިލަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.

މި އިންތިޚާބުގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހޮވުން ވެސް އެ ދުވަހު ބާއްވައެވެ. އީސީން ބުނީ އަންހެނުން ކޮމެޓީގެ މެމްބަރު ކަމަށް ވާދަ ކުރާނީ އަމިއްލަ ކެންޑިޑޭޓު ޒީނާ އަހުމަދާއި އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމް ކަމަށެވެ.

އޭގެއިތުރުން ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, އަދި ސ. ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުވެސް ނޮވެމްބަރ 28 ގައި އޮންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު