ސުހާ އިބްރާހީމް
ސުހާ އިބްރާހީމް
ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަލުން ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، ސުހާ އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މީސް މީޑިއާ މެދުވެރިކޮށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އިންތިޚާބު ކާމިޔާބު ކުރެއްވި ސުހާއަށް މަރުހަބާ ދެންނެވުމުގެ އިތުރުން، އޭނާއަށް ވޯޓު ދެއްވި ދ. މީދޫގެ ރައްޔިތުންނަށާއި، މި ކާމިޔާބީ ހާސިލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 985 މީހުން ވޯޓުލާފައިވެއެވެ. އޭގެ ތެރެއިން 529 ވޯޓު ހޯއްދަވައިގެން ސުހާ އިބްރާހީމް ކުރި ހޯއްދެވި އިރު، ވާދަވެރި އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ.



ދ. މީދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް އަލުން ވޯޓުލާން ޖެހުނީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުގައި ބެހެއްޓި ވޯޓު ފޮއްޓަކާ ގުޅިގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި ވޯޓު ކަރުދާހެއް ސައްހަ ކަމަށް ކަނޑައަޅައި ކޯޓުން ކުރި ހުކުމާ ގުޅިގެން، ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމުން، ގާނޫނީ ހަމަތަކުގެ މަތިން އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި އަލުން ވޯޓު ނަގަން ޖެހުނީއެވެ.



ކިޔުންތެރިންގެ ހިޔާލު