މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޕާޓީ ޕީއެންސީ އަށް ލިބުނު ބޮޑު ނާކާމިޔާބީގެ އަޑީގައި ތިބީ ޕީއެންސީގެ މަޖިލިސް މެމްބަރުން ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް، ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މާލޭގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީގެ އަޑީގައި ތިބީ ސީދާ ޕީއެންސީގެ މަޖިލިސް މެމްބަރުން ކަމަށެވެ.އާޒިމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގަންނަވަނީ އެމަނިކުފާނަކީ އިނގިލިން އިޝާރާތް ކޮށްލުމުން ހުރިހާ ކަމެއް ނިމެންޖެހޭ ފަދަ ބާރުގަދަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 72 މެމްބަރުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ރައީސް މުޢިއްޒަށް "ލަނޑެއްދޭން" ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އިންތިހާބުން ފެނިގެން މިދިޔައީ އެކަން. މަޖިލިސް މެމްބަރުން ރައީސް ހައްދައިގެން މިއުޅެނީ ލިބޭ ފަންސާސް ހާސް ރުފިޔާއާއި އެހެނިހެން އިނާޔަތްތައް ހޯދަން. އެކަމަކު އަސްލު ހަގީގަތުގައި އެ މެމްބަރުން ރައީސަށް މި އަންގައިދިނީ ތިހާ ބާރުގަދަ މީހެއް ނޫނޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ބާރު ކަނޑުވާލައި، އާއިލާތަކާއި ރަށްޓެހިންގެ ކުރިމަތީގައި އެމީހުންގެ އަގުވައްޓާލުމުން، އޭގެ ބަދަލު ހިފުމުގެ ގޮތުން މެމްބަރުން ވަނީ ރައްޔިތުން ގާތު ސަރުކާރަށް "ނޫނެކޭ" ބުނުމަށް ބާރުއަޅާފައެވެ.

"މިމީހުުން އަސްލު ރައީސަށް މި އެންގީ ރައީސޭ ތިއީކީ މާ ބާރު ހުރި މީހެއް ނޫނޭ، ތިމަންނާމެން (މެމްބަރުން) ހަތަރެސް ފައި ބަނދެފައި ތިމަންނާމެންގެ ބާރު ކަނޑުވާލީމަ ތިމަންނާމެން ވެސް ދައްކާލާނަމޭ ތިބޭފުޅާ އަށް ( ރައީސް) ވެސް ބާރު ހުރި މީހެއް ނޫންކަން މިއަދު އެކަން އެ ކުރީ ސީދާ އެމީހުން (ޕީއެންސީގެ މަޖިލިސް މެމްބަރުން) އަޅުގަނޑުމެންނާއި ބައިވެރިވެގެން އެކަން ވެގެން މިދިޔައީ ރައްޔިތުން ކައިރީގައި އެމީހުން (ޕީއެންސީގެ މެމްބަރުން) ތިޔަށް (އިންތިޚާބު އެއްކުރާ ރެފަރެންޑަމް) ނޫނޭކޭ ބުނާށޭ،" މާލޭގެ މޭޔަރު އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ މަޖިލިސް މެމްބަރުންގެ ބާރު ކަނޑުވާލައި، ޓިކެޓް ދިނުމުގައިވެސް ރައީސްގެ ބާރު ހިންގުމަށް ކުރާ ކަމެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވިއެވެ. މި އިންތިޚާބުގެ ނަތީޖާއަކީ ރައީސް މުޢިއްޒަށް ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މެމްބަރުން ދިން ވަރަށް ވަރުގަދަ މެސެޖެއް ކަމަށް އާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު