ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީ އަށްފަހު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރައްވައި ޅެންބައިތަކުން މުހިންމު މެސެޖެއް ދެއްވައިފިއެވެ.

ކުރީގެ ވަޒީރު ފައިސަލް އަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲގެ ދަރިކަލުންނެވެ. މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައިސަލް، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަގާމުން ވަކިކުރެއްވުމާ ގުޅިގެން ސިޔާސީ މަސްރަޙުގައި ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. ފައިސަލް މަގާމުން ވަކިކުރެއްވިއިރު، އެކަން ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާގެ ބައްޕަ، އަދި އޭރުގެ ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެފައިވެއެވެ. އޭގެ ފަހުން ފައިސަލް ގެންދެވީ އެކި ފުރުސަތުތަކުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

ނިމިދިޔަ އިންތިޚާބުގެ ނަތީޖާއަށްފަހު ފައިސަލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ބޭނުންކުރައްވާފައިވަނީ އޭނާގެ ބައްޕަ ޢަބްދުއްރަހީމް ޢަބްދުﷲ ލިޔުއްވާފައިވާ 'ބަނަފްސާ' ޅެންފޮތުގެ ބައިތެކެވެ. ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތުގެ މައްޗަށް އަލިއަޅުވާލައި އޭނާ ލިޔުއްވާފައިވަނީ:

'ދާނެޔޭ މިއަދު އިނގޭ އިއްޔެ އަކަށް ބަދަލުވެގެން،

ވާނެ މާދަން މިއަދަށް ދުނިޔެ ހިނގާނަމަ އޮވެގެން'

އިތުރު ތަފްސީލަކަށް ނުގޮސް ފައިސަލް ވިދާޅުވެފައިވެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނެގި ރެފެރެންޑަމުން ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ ބޮޑު ނާކާމިޔާބީ އަކަށް ކުރިމަތިލާންޖެހިފައެވެ. މާލެ އާއި ހުރިހާ ސިޓީތަކުގެ މޭޔަރު ކަމާއި މެމްބަރު ކަމުގެ އިތުރުން ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ޕީއެންސީ އަށް ވަނީ ގެއްލިފައެވެ.

ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތަކުގެ އިތުރުން، ކައުންސިލްތަކުގެ އަޣުލަބިއްޔަތު ގޮނޑިތައްވެސް ކާމިޔާބުކޮށްފައިވަނީ އެމް.ޑީ.ޕީންނެވެ. މީގެ އިތުރުން ދެ އިންތިޚާބު އެއްދުވަހު ބޭއްވުމާއި މެދު ޚިޔާލު ހޯދުމަށް ނެގި ރެފަރެންޑަމް އަށް ވެސް ރައީސް މުޢިއްޒާއި ސަރުކާރުން ތާއިދުކުރި ގޮތާއި ހިލާފަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.

ނިމިދިޔަ ލޯކަލް އިންތިޚާބާއި ރެފެރެންޑަމްގެ ނަތީޖާ އިޙްތިރާމް އާއެކު ބަލައިގަންނަކަން ހާމަކުރައްވައި ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހިންގުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން ހުރިނަމަ، އެކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތް الله ގެ ވާގިފުޅާއެކު ކުރިއަށްގެންދަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު