ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި ވާހަކަދެއްކުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިނުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ޖަލްސާގައި ވާހަކަދެއްކުމަށް ޕާޓީގެ ޗެއާޕާސަން އެދިވަޑައިގަތުމުން އެކަމަށް ތައްޔާރުވެވަޑައިގެން ހުންނަވަނިކޮށް، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމިކަން ބޭރުތެރެއިން އެނގިވަޑައިގެންފައިވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ޕާޓީގެ އެކުވެރިކަން ވަރުގަދަ ކުރުމަށްޓަކައި އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް، ރައީސް ނަޝީދަށް އެ ފުރުސަތު ދިނުމަކީ ޕާޓީގެ ކުރިމަގަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ، އޭނާއަށް ފުރުސަތު ދިނުމުން މައްސަލަ ޖެހިދާނެތޯ ކުރިން ވެސް ޗެއާޕާސަން އަރިހުން އެއްސެވި ކަމަށާއި، ނަމަވެސް އެއީ ޗެއާގެ ނިންމެވުމެއް ކަމަށް އޭރު ވިދާޅުވި ކަމަށެވެ. ފައްޔާޒް ވަނީ މި ހުރިހާ ކަމަކާއެކު ވެސް އެމްޑީޕީގެ ޖަލްސާއަކީ ކާމިޔާބު ޖަލްސާއަކަށް ވުމަށް އެދިވަޑައިގެންފައެވެ.

ނިންމުމާ ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެކްޓިވިސްޓުން ދަނީ ޖަލްސާ ބޮއިކޮޓް ކޮށް ޖަލްސާ އަށް ނުދާނެ ކަމަށް ބުނަމުންނެވެެ.

އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓް ލޫކަސް ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭތީ މިރޭ އެމްޑީޕީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ ޖަލްސާއަށް ނުދާން ނިންމައިފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓް ޗާލީ ތުއްތު ވެސް ވަނީ ރައީސް ނަޝީދަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ޖަލްސާ އަށް ނުދާނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ފައްޔާޒާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭތީ ޖަލްސާއަށް ދެވެން ނެތް ކަމަށާއި، ވަކިވެގަތުމަކީ ނިކަމެތިކަމެއް ކަމަށެވެ. އަދި މި ކާމިޔާބީ އަކީ އެންމެން އެކުގައި ކުރި މަސައްކަތެއްކަން އޭނާ ވަނީ ބުނެފައެެވެ.



ކިޔުންތެރިންގެ ހިޔާލު