އަލް އަޤްސާ މިސްކިތް-
އަލް އަޤްސާ މިސްކިތް-
މަސްޖިދުލް އަޤްޞާގެ ގޯތިތެރެއަށް އިސްރާއީލުގެ ސަރުކާރުގެ އޮފިޝަލުން ވަދެގަނެ، އެތަނުގެ މުޤައްދަސްކަން ނަގައިލުމަށް ހިންގި އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުގެ އޮފިޝަލުން އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަތް ވަދެގަތުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިއީ އެ މިސްކިތުގެ މުޤައްދަސްކަމާއި، ޤާނޫނީ ހައިސިއްޔަތުގެ އިތުރުން، އެ ބިމާ ގުޅިފައިވާ ތާރީޚީ އަދި ދީނީ މަތިވެރި މަޤާމަށް ގަސްތުގައި އަރައިގަނެ، މަޞްލަޙަތު ނަގައިލުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އަލްއަޤްޞާ މިސްކިތަށް މުސްލިމުން ވަނުން ހަނިކުރުމާއި، އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ އުދުވާނުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤުތަކަށް އަރައިގަތުން ކަމަށެވެ. މީގެ އިތުރުން، މިއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ އިޙްސާސްތަކަށް ދެވޭ ނުހަނު ބޮޑު އިހާނެތްތެރިކަމެއް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް އެއް ބިމުގެ ގޮތުގައި ބެލެވޭ މި ބިމުގެ "ސްޓޭޓަސް ކޯ" ނުވަތަ މިހާތަނަށް އޮތް ޤާނޫނީ ހައިސިއްޔަތަށް އިސްރާއީލުން ބޯނުލަނބައި، ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ބޮޑެތި ޖަރީމާތަކަށް އެ ފަރާތް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ދިވެހި ސަރުކާރުން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.

އަދި މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު