ހަނގުރާމަ ހުއްޓާލަން އެމެރިކާ އާއި އިރާނުން އެއްބަސްވުމަކަށް އާދެވި ފާއިތުވި 40 ދުވަހަށް ބަންދުވެފައި އޮތް ހޯމޫޒް ކަނޑުއޮޅި ހުޅުވާލައިފި އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރުތު" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ހޯރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން، އީރާނަށް ރޭ ދިނުމަށް ރޭވި "ފަނާކުރަނިވި" ހަމަލާތައް މަޑުޖައްސާލައި، އެމެރިކާއިން މިހާރު ދެމުންދާ ހަމަލާތައް ދެ ހަފްތާގެ މުއްދަތަކަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށްވެސް ޓްރަމްޕު ހާމަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 40 ދުވަހުގެ ހަނގުރާމައަށްފަހު އެ ގައުމުގެ އަސްކަރިއްޔާއިން ކާމިޔާބީ ހޯދާފައިވާ ކަމަށެވެ. އަދި މިއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުން، ދެ ހަފްތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާކަން އެ ކައުންސިލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ހޯރްމޫޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތަށް މިހާރު އެ ސަރަހައްދު ރަސްމީކޮށް ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް، ކަނޑުއޮޅި ބޭނުންކުރެވޭނީ އީރާނުގެ ސަލާމަތީ ބާރުތަކާ ގުޅިގެން، ފަންނީ މިންގަނޑުތަކަށް ރިއާޔަތްކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި އެއްބަސްވުމަށް އައުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ފީލްޑް މާޝަލް އާސިމް މުނީރު އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އީރާނުގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަރަގްޗީ ޝުކުރު އަދާކުރެއްވިއެވެ.

އަރަގްޗީ ފާހަގަކުރެއްވި ގޮތުގައި، އީރާނުން މި އެއްބަސްވުމަށް އައީ އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ މައްޗަށް ބިނާކޮށް މަޝްވަރާކުރުމަށް އެދުމުންނާއި، އީރާނުން ހުށަހެޅި 10 ނުކުތާގެ އޮނިގަނޑު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބަލައިގަތުމާ ގުޅިގެންނެވެ. އަދި ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް އެމެރިކާއިން ހަމަލާތައް ހުއްޓާލުމުން، އީރާނުގެ އަސްކަރިއްޔާއިންވެސް ހަމަލާތައް ދިނުން ހުއްޓާލާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ހަނގުރާމަ އާއި ގުޅިގެން މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ހޯމޫޒް ކަނޑުއޮޅި ހުޅުވުމަށް މުހުމަލަތެެއް ދިނުމަށްފަހު އެ ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނު އެއްކޮށް ސުންނާފަތިކޮށް އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބުރިޖުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ރައީސް ޓްރަމްޕް އިއްޔެ ވަނީ ދީފައެވެ. އެމެރިކާ އިން އީރާނަށް ހަމަލާދިނުން ދެ ހަފުތާ އަށް މެދުކަނޑާލަން އެއްބަސްވީ އެ ސުންގަޑި ހަމަވާން ކުޑަތަންވެފައިވަނިކޮށެވެ.

އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި ހުކުރު ދުވަހު އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު