ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ޖުމުލަ 170 ޝަކުވާއެއް ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިއަދު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ ލޯކަލް އިންތިޚާބަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދެވުނު އިންތިޚާބެއް ކަމަށެވެ. ޒާހިދު ވިދާޅުވީ އިންތިޚާބާ ގުޅޭ އެކި މައްސަލަތަކުގައި 170 ޝަކުވާއެއް ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށައަޅާފައިވާ ކަަމަށެވެ. އެގޮތުން އިންތިޚާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ޒާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން ދޭ ޖަވާބަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އެ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތުން، ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބީ ޝަކުވާތައް ހައިކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން 14 ދުވަސް ކަމަށެވެ. އިންތިޚާބުގެ ކަންކަން ދިޔައީ އާންމުކޮށް އަމާންކަމާއެކު ކަމަށާއި، ހުށަހެޅިފައިވާ ޝަކުވާތަކަށް ގާނޫނީ އިމުގެ ތެރެއިން އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް