އެމްޑީޕީ ހިންގުމަށް ޓަކައި ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތަށް ފާސްކުރީ އެޕާޓީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިރޭގެ ބައްދަލުވުމަށް އެކަމާއި ބެހޭ ގަރާރެއް ހުށައެޅުއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބުދުލްޣަފޫރު މޫސާއެވެެ. މި ގަރާރަށް ތާއީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)އެވެ.

މީޑިޔާ އަށް ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ހިންގުން ފަސް ލީޑަރުންގެ ކޮމިޓީއަކަށް ހަވާލު ކުރުމަށް ވެސް ފާސްކޮށްފައިވެއެވެ.

އެމްޑީޕީގެ ހިންގުން ހަވާލުކުރި ކޮމިޓީގައި ހިމެނެނީ:

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

މީގެއިތުރުން ޚިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދިފައިވުމުން ޗެއާޕާސަންގެ މަގާމުން ޣަފޫރު ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެނައުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަދި މަގާމުތަކުން ވަކިކުރި އިބްރާހިމް ވަހީދު (އިބުރާ) އަދި އަހުމަދު މައުރޫފްގެ މަގާމުވެސް އިއާދަ ކުރާގޮތަށް ވަނީ ނިންމާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު