ރާއްޖޭގެ ލޭގެ ގައުމީ ހިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" އެކުލަވާލައި، ލޭ އެޅުމުގެ ހިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމާ ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިލެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ޖަވާބުގައި ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ލޭގެ ބަލިތަކަށް ހާއްސަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމުގެ ދަށުން މިހާތަނަށް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ހިދުމަތް ދިނުމަށް ބޭނުންވާ ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ ވަޒީފާ ހަމަޖައްސައި، ޖުމްލަ 188 ރަށެއްގައި ޓްރާންސްފިއުޝަން ސެންޓަރުތައް ގާއިމުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ ސަބަބުން ބަލިމީހުންނަށް އަމިއްލަ ރަށުގައި ނުވަތަ ކައިރި ރަށެއްގެ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކުން ފަސޭހަކަމާއެކު ލޭ އެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ވިދާޅުވީ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ހިދުމަތް ބައްޓަންކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަންނީ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" އެކުލަވާލައި މިހާރު ނިމިފައިވާ ކަމަށެވެ. ބައިނަލްއަގުވާމީ މާހިރުންނާއި ރާއްޖޭގެ ފަންނީ ބޭފުޅުން ގުޅިގެން ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މި ބޮޑު މަސައްކަތް، މި ހިނގާ މާރިޗު މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތަފާސްހިސާބު ވަގުތުންބަލާލެވޭނެހެން "ޑީ އެޗް އައި އެސް 2 " ސޮފްޓްވެއަރގެ ތެރެއިން ހާއްސަ މޮޑިއުލެއް ފަރުމާކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި މި ނިޒާމުގެ ދަށުން މައުލޫމާތު އެންޓްރީކުރާ ފަރާތްތަކަށް ތަމްރީނު ދީ، ލޭދޭ ފަރާތްތައް ގިންތިކުރެވި، މުޅި ރާއްޖޭގެ ލޭގެ ހިދުމަތުގެ ތަފާސްހިސާބުތައް އެއް ވިއުގައަކުން ބަލާލެވޭނެ އިންތިޒާމު ގާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު