ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި (ޕާފޯމަންސް އެސެސްމަންޓް ހަދައި)، މަސައްކަތުގެ ނަތީޖާ ދަށް މުވައްޒަފުން މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ރައީސް އޮފީހުން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތަކެއްގައި ތިބި ސިޔާސީ މުވައްޒަފުން އެސެސް ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތަކީ މިދިޔަ އަހަރުވެސް ވަކި އުސޫލަކުން، ވަކި ފޯމެޓަކަށް ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އެސެސްމަންޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، މިއީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ގޮތުން ނުވަތަ ވަކި އަދަދަކަށް (މިސާލަކަށް 500 މުވައްޒަފުން) ކަނޑާލުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މީގެ އަސްލު މަޤްޞަދަކީ ދައުލަތުގެ ބަޖެޓުން މުސާރަދީފައި ބައިތިއްބާ މުވައްޒަފުންނަކީ އެމީހަކާ ހަވާލުކުރެވިފައިވާ މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭނެ ފެންވަރާއި ފަންވަރު ހުރި ބައެއްތޯ ކަށަވަރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމީހެއްގެ ވަޒީފާގެ ވަައްޓަފާޅި ހުރި މިންވަރާއި، މަސައްކަތުގެ އަޚްލާޤަށް މި އެސެސްމަންޓުގައި ބަލާނެ. ރައްޔިތުންގެ ފައިސާއިން މުސާރަދޭއިރު، އެ މުވައްޒަފެއްގެ ސަބަބުން އެ އިދާރާއަކަށް އިތުރު އާރޯކަމެއް ނުލިބޭނަމަ، އެ މަޤާމުގައި އޭނާ ބެހެއްޓުމުގެ ބޭނުމެއް ނެތް،" މުންދު ވިދާޅުވިއެވެ.

މި އެސެސްމަންޓަށްފަހު ނިންމުންތައް ނިންމާނީ ތިން ގޮތަކަށެވެ:

މަޤާމުގައި ބޭތިއްބުން: މަސައްކަތުގެ ފެންވަރު ރަނގަޅު މުވައްޒަފުން މަޤާމުގައި ދެމިތިބޭނެއެވެ.

މަޤާމުން ވަކިކުރުން: މަސައްކަތުގެ ނަތީޖާ ނުދެއްކޭ މުވައްޒަފުން މަޤާމުން ވަކިކުރެވޭނެއެވެ.

މަޤާމު ބަދަލުކުރުން (ޓްރާންސްފާ): މުވައްޒަފުގެ ތަޖުރިބާއާއި ހުނަރަށް ބަލައި، މިހާރު ހުރި ތަނަށްވުރެ އެހެން ތަނެއްގައި ރަނގަޅު ޚިދުމަތެއް ދެވޭނެ ކަމަށް ފެންނަނަމަ ވަޒީފާ ބަދަލުކުރެވޭނެއެވެ.

މުންދު ވިދާޅުވިގޮތުގައި، ސިޔާސީ މަގާމުތަކަކީ ވަކި ފިކުރަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވުމުން ދެވޭ އިނާމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ދައުލަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަށް ހަވާލުކުރެވޭ މަތިވެރި މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި ތަސައްވުރުތައް ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ފަރާތްތައް ކަން މުންދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެދެވޭ ނަތީޖާއެއް ހާސިލުނުކުރެވޭ ނަމަ، އެ މަގާމަކުން ވަކިވާންޖެހޭނެ ކަމަށާއި، އެއީ ޝަކުވާކުރުމުގެ ފުރުސަތު އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިތުރަށް ވިދާޅުވީ މިހާރުވެސް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި، އަދި ބައެއް ބޭފުޅުން އެހެން އިދާރާތަކަށް ބަދަލުކުރަމުންދާ ކަމަށެވެ. މި މަރުޙަލާ ނިމޭއިރު ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދުން މަދުވާނީ ކިތައް މުވައްޒަފުންކަން އަދި ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް އަމާޒަކީ ސިޔާސީ މަޤާމުތަކުގައި ތިބޭނީ އެންމެ އެކަށޭނަ މީހުންކަން ކަށަވަރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު މިހެން ވިދާޅުވެފައިވާއިރު މިމަހުގެ 4 ވަނަ ދުވަހު ބޭއްވުނު އިންތިޚާބުތަކުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން، ވަޒީރުންގެ މަޖިލީހާއި ސަރުކާރު ކުންފުނިތަކުގެ އެންމެ އިސްވެރިން މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުން މިމަހުގެ 6 ވަނަ ދުވަހު މުޙައްމަދު ހުސައިން ޝަރީފް ވަކިކުރެއްވުމަށްފަހު، މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަނުކުރައްވާފައެވެ. މީގެއިތުރުން، މި ފަހަކުން ސަރުކާރުގެ ކެބިނެޓުގެ 10 ވަޒީރުން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއާއެކު ރައީސް މުޢިއްޒު މިހާރު ވަނީ ވަޒީރުންގެ މަޖިލީހަށް އާ ބޭފުޅުން އައްޔަންކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު