ކޮމެޓް "3އައި އެޓްލަސް"
ކޮމެޓް "3އައި އެޓްލަސް"
އިރުގެ ނިޒާމުން ބޭރުން އައިސްފައިވާ "3އައި އެޓްލަސް" ނަމަކަށް ކިޔާ ކޮމެޓް، އިރުގެ ކައިރިން ދަތުރުކުރި އިރު އޭގެ ކެމިކަލް އެކުލެވުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ސައިންސްވެރިން ހާމަކޮށްފިއެވެ.

ސައިންސްވެރީން ހާމަކުރާގޮތުގައި މިކޮމެޓަކީ އިރުގެ ނިޒާމުން ބޭރުން އައިސްފައިވާ މިފަދަ ތިންވަނަ އޮބްޖެކްޓެވެ. ހަވާއީގައި ހުންނަ ސުބާރޫ ޓެލެސްކޯޕް ބޭނުންކޮށްގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، މި ކޮމެޓް އިރާ އެންމެ ކައިރިވި ފަހުން އޭގައި ހުންނަ ކާބަން ޑައިއޮކްސައިޑާއި ފެނުގެ ނިސްބަތަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ބަދަލުތަކުން ދޭހަވަނީ ކޮމެޓްގެ ބޭރު ފަށަލައާއި އެތެރޭގެ ކެމިކަލް އެކުލެވުން ތަފާތު ކަމެވެ. ކޮމެޓް އިރުގެ ކައިރިން ދަތުރުކުރާއިރު، އޭގެ ގަނޑުވެފައިވާ ބައިތައް ގޭހަށް ބަދަލުވެ (ސަބްލިމޭޝަން)، ކޮމެޓްގެ ވަށައިގެން އުފެދޭ "ކޯމާ" ނުވަތަ ގޭހުގެ ފަށަލައިގެ ތަފާތުތައް ދިރާސާކުރުމުން ކޮމެޓްގެ އެތެރޭގެ އޮނިގަނޑު ދެނެގަތުމަށް ފުރުސަތު ލިބެއެވެ.

މިއީ އެހެން ތަރިތަކުގެ ނިޒާމުތައް އުފެދިފައިވާ ގޮތާއި އެތަންތަނުގައި ހުރި މާއްދާތައް ދެނެގަތުމަށް ލިބުނު މުހިންމު މަޢުލޫމާތެއް ކަމަށްވެސް ދިރަސާވެރިން ބުނެއެވެ.

ޖަޕާނުގެ ކޮޔާމާ ސްޕޭސް ސައިންސް އިންސްޓިޓިއުޓްގެ ޓީމަކުން އިސްކޮށް ތިބެ ކުރި މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ އިންޓަސްޓެލާ ކޮމެޓްތަކަކީ އަޅުގަނޑުމެންގެ އިރުގެ ނިޒާމާއި އެހެން ނިޒާމުތަކާ ހުރި ތަފާތުތައް ދެނެގަތުމަށް ހުޅުވޭ ވަރަށް މުހިންމު ދޮރެކެވެ.

ކުރިއަށް އޮތް ތަނުގައި އާ ޓެލެސްކޯޕްތަކުގެ އެހީގައި މިފަދަ އިތުރު އޮބްޖެކްޓްތައް ފެންނާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ. މި ދިރާސާގެ ތަފްސީލުތައް "އެސްޓްރޮނޮމިކަލް ޖާނަލް" ގައި ޝާއިޢުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު