ތިލަމާލެ ބްރިޖް މަޝްރޫޢު ކުރިއަށްދާ ދުވެއްޔާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ މަޝްރޫޢު ނިންމުމަށްޓަކައި ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތް ދާލެއް ހަޤީޤަތުގައިވެސް ވަރަށް ލަސް ކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށްދާ ސްޕީޑާމެދު އެމަނިކުފާނު ވެސް އަދި ދިވެހި ރައްޔިތުން ވެސް ހިތްހަމަޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެކަމަށް ދެން ހަޤީޤަތުގައި ވަރަށް ލަސް ތިލަމާލެ ބްރިޖްގެ މަސައްކަތް ދާލެއް. އެކަމަކު ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ވިޔަސް މިދަނީ ކޮށްދެމުން. ހަމަ ޔަޤީނުންވެސް އަޅުގަނޑު ހިތްހަމައެއް ނުޖެހޭ ދާ ސްޕީޑާ ދޭތެރޭގަ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ބޮޑަށް އެދެމުންދާތީ، އެކަމަށް ބަލައި މިހާރު އިތުރު މުއްދަތެއް ދީފައިވާ ކަމަށެވެ. އެގޮތުން ކުރިން މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައި އޮތީ 2026 ވަނަ އަހަރަށް ނަމަވެސް، މިހާރު ދީފައިވާ ތާރީޚަކީ 2027 ވަނަ އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ބްރިޖް ނިންމުމަށް ދެއްވި ތާރީޚަށް އެކަން ދިމާނުވުމަކީ ކުރެވޭނެ ކަމެއް ނެތް ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ ބަޔާނުގައި ވެސް މިކަމާ ގުޅޭ ތަފްސީލުތައް ގެންނަވާނެ ކަމަށެވެ.

މަސައްކަތް ލަސްވި ނަމަވެސް މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުންދާ ކަމަށާއި، ބްރިޖްގެ މަސައްކަތް ނިމުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާނެ ކަމަށެވެ.

ތިލަމާލެ ބްރިޖަކީ މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއް އުމްރާނީ މަޝްރޫޢެވެ. މި މަޝްރޫޢު ލަސްވަމުންދާތީ އާންމުންގެ ފާޑުކިޔުން ވެސް އަންނަނީ އަމާޒުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު