ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު
ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަނބުރާ ޝަރުޢީ ދާއިރާގެ ބެލުމުގެ ދަށަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ތާއީދުކުރައްވައިފިއެވެ.

ފާއިޒު މިކަމަށް ތާއީދުކުރެއްވީ އެމަނިކުފާނުގެ ފޭސްބުކް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ފާއިޒު ވިދާޅުވީ، ރައީސްގެ އެ ނިންމެވުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ކަމާބެހޭ ޤާނޫނުތަކަށް އިސްލާހު ގެނެސް، ޑީޖޭއޭ އަކީ ޝަރުޢީ ދާއިރާގެ އިދާރީ ބަޔަކަށް ބަދަލުވެގެން ދިއުމަކީ އެ ދާއިރާގެ އިދާރީ މިނިވަންކަން އަލުން އިޢާދަވެގެންދާނެ ކަމެކެވެ. މީގެ ކުރިން ޑީޖޭއޭ ހިންގަމުން އައީ ސީދާ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ނަމަވެސް، ފަހުން ގެނެވުނު ބަދަލުތަކާއެކު އެ މުއައްސަސާ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލުކޮށްފައެވެ.

މި އިސްލާހީ ބަދަލުގެ ސަބަބުން ކޯޓުތަކުގެ އިދާރީ ހިންގުމާއި، މުވައްޒަފުންގެ ކަންކަމާއި، ބަޖެޓުގެ ކަންކަމުގައި ޝަރުޢީ ދާއިރާއަށް މިހާރަށްވުރެ ބޮޑު ބާރަކާއި މިނިވަންކަމެއް ލިބިގެންދާނެ ކަމަށް ގިނަ ފަރާތްތަކަކުން އުންމީދު ކުރެއެވެ. އަޙްމަދު ފާއިޒު ޙުސައިން ފާހަގަކުރެއްވި ގޮތުގައި، މިއީ ޢަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ބަދަލެކެވެ.



ކިޔުންތެރިންގެ ހިޔާލު