ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން، އެމްޑީޕީން ފަށާފައިވާ އިހުތިޖާޖުތައް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް އަންނަންޖެހޭ ކަމަށް ގަބޫލުނުކުރާ ހަމަ އެކަކުވެސް ރައްޔިތުންގެ ތެރޭގައި މިއަދު ނެތް ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެނެސްފައިވާ ބައެއް ބަދަލުތައް އަލުން އިއާދަކޮށް، ބޭނުންހާ ގޮތަކަށް ގާނޫނުއަސާސީއަށް ބަދަލު ނުގެނެވޭނެ ފަދަ ވަރުގަދަ އޮނިގަނޑެއް އެކުލަވާލަން ޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އާންމު ހާލަތު ކައްސާލައިގެން ދާނެ ކަމުގެ ބިރު މިއަދު އެންމެނަށް އެބައޮތް ކަމަށެވެ.

"ދިވެހިރާއްޖެ ދުނިޔޭގެ އެހެން ހުރިހާ ގައުމެކޭ ފަދައިން މިވަނީ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި. ތަކެތީގެ އަގު އުފުލެމުންދާ މިންވަރާއި، ޑޮލަރުގެ އަގު ބޮޑުވަމުންދާ މިންވަރާއި، ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މިންވަރު އަޅުގަނޑުމެން އެންމެނަށް ފެންނަން އެބަހުރި،" މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓުތަކުން ޚަރަދު ކުޑަކުރަމުންދާ ދިއުމަކީ އިގްތިސާދީ ނާޒުކު ފަތަރެއްގައި ރާއްޖެ އޮތްކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުން އެދެނީ ގިނަގިނައިން ވޯޓު ނަގައި، ސިޔާސީ ލީޑަރުން ރައްޔިތުންގެ ގާތަށް ގިނައިން ދިއުމަށް ކަމަށެވެ. އަދި މިފަދަ ސިފަތައް ގާނޫނުއަސާސީގައި ހިމެނި، ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރަށާއި ރައީސް މުޢިއްޒަށް އަޅުގަނޑުމެން ގޮވާލަނީ ވަޑައިގަންނަވާށޭ މޭޒު ދޮށަށް، މަޝްވަރާ ފައްޓަވާށޭ. މި ރާއްޖެ ދޫކޮށްލެއްވޭކަށް އަޅުގަނޑުމެންނަކަށް ނެތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ލިބެންވާ ހައްގުތަކާއި ތަނަވަސްކަން ހޯދައިދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށާއި، ރައީސް މުޢިއްޒު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާ ނަމަ، މާލޭގެ މަގުމަތީގައާއި ރާއްޖޭގެ ރަށްރަށުގައި އެމްޑީޕީގެ އިހުތިޖާޖުތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ދެއްވި ދައުވަތު ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަންކަމަކީ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވާ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން. އެ މެންޑޭޓުން ބޭރުގައި ހުރި އެއްވެސް ކަމެއްގެ ތެރެއަށް އަޅުގަނޑު ނުވަންނާނަން،" ރައީސް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު