ހަޔާ އެޑިއުކޭޝަން މިނިސްޓްރީ-
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ-
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 'އެސްއޭއެސް މެޑިކަލް ކޮލެޖް' ގެ ނަމުގައި ހިންގަމުންދާ މަރުކަޒަކީ ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަނެއް

ނޫން ކަމަށެވެ.

އެހެންކަމުން، އެފަދަ ތަނަކުން ދޭ ތަޢުލީމީ ޕްރޮގްރާމްތަކަކީ ޤާނޫނީ ގޮތުން ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 62 ވަނަ މާއްދާއާ ޙަވާލާދީ މިނިސްޓްރީން ބުނީ، ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން ބޮޑެތި ހުރަސްތަކެއް ހުރި ކަމެއްކަންވެސް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް ދޭހަވާ ގޮތަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ މަނާކަމެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމުގައި ދަރިވަރުންނާއި ބެލެނިވެރިން އިތުރަށް ސަމާލުވުމަށާއި، ކޯސްތަކުގައި ބައިވެރިވުމުގެ ކުރިން އެ މަރުކަޒަކީ ރަޖިސްޓްރީކޮށްފައިވާ ތަނެއްތޯ ކަށަވަރުކުރުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު