އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު
އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު
ރާއްޖެއިން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާ ގުޅޭގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހާމަކުރަމުންދާ މައުލޫމާތުތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު ފާހަގަކުރައްވައިފިއެވެ.

އޭނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިއީ ރާއްޖޭގެ ރިޒާވްގެ ހާލަތާއި، ދަރަނި އަދާކުރުމުގެ ގާބިލުކަމުގެ އިތުރުން، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހަމަޖެއްސުމާ ސީދާގޮތުން ގުޅިފައިވާ މާލީ އެހީތެރިކަމަކަށް ވާއިރު، މިފަދަ މުހިންމު ކަމެއްގައި އިތުބާރު ހުރި މައުލޫމާތު ލިބުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.





އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، މި ފައިސާ އަނބުރާ ދެއްކުން ތަކުރާރުކޮށް ފަސްކުރަން ޖެހުމަކީ ރާއްޖޭގެ ރިޒާވް ހަރުދަނާކުރުމަށާއި ދަރަނި މެނޭޖްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގެ ހެއްކެކެވެ. ދަރަނީގެ ގޮތުގައި ނަގާފައިވާ މިފަދަ ފައިސާ ދެއްކުން ލަސްވުމަކީ އިގްތިސާދީ ގޮތުން ނުރައްކާތެރި މެސެޖެއް ދޭ ކަމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިގްތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން މިފަދަ މާލީ ކަންކަމުގައި އެއްގަލަކަށް އަރާ، ސާފު އަދި ފުށުނުއަރާ މައުލޫމާތު ހާމަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

އަދި ކަންކަން ދެފުށް ފެންނަ ގޮތެއްގައި ހާމަނުކުރެވޭނަމަ، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިގްތިސާދަށް އޮތް އިތުބާރު ކުޑަވެގެން ދިއުމުގެ ބިރު އިންތިހާއަށް ބޮޑުކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު