ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ މާލީ އަދި އިޤްތިޞާދީ އެހީތެރިކަމުގެ ދަށުން، 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ދޫކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، "ސާކް ޤައުމުތަކަށް ޚާއްސަ ކަރަންސީ ސްވޮޕް އިންތިޒާމުގެ އޮނިގަނޑު" ގެ ދަށުން މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މީގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ކަމަށެވެ.

މި އެހީތެރިކަމަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ މާލީ އެހީތެރިކަމެކެވެ.

މި އޮނިގަނޑުގެ ދަށުން 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

އަދި 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން މިހާރު ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި، އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާކަން ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް ތަޢާރަފުކުރެވުނު ފަހުން، ރިޒާވް ބޭންކް އޮފް އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރުން ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތަކުގެ މުއްދަތު ވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.

އިންޑިއާ ހައިކޮމިޝަނުން އިތުރަށް ބުނެފައިވަނީ، އެޤައުމުގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އިންޑިއާގެ އިސްތިރާތީޖީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ގާތް އަވަށްޓެރި ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު