ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
"ޓެކްސީ ނަފާ" ލޯނު ސްކީމްގެ ދަށުން ކާރު ނަގާފައިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ބަލައި، އެކަމަށް އިންސާފުވެރި އަވަސް ޙައްލެއް ހޯދައި ދެއްވާނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ކާރު ނަގާފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމަނައި، އާދަމް ސަލީމް (މުތީގެ، ހއ. ދިއްދޫ) ނަމަކަށް ކިޔާ ބޭފުޅަކު މީސްމީޑިއާގައި ޢާއްމުކުރި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައި ބުނެފައިވަނީ، ގްރޭޓަރ މާލޭ ސަރަޙައްދުގައި ޓެކްސީ ކުރުމަށް ދޫކުރި މި ލޯނުގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް، ކާރުތައް ރަޖިސްޓްރީ ނުވެ، ވިޔަފާރި ނުފެށި އޮއްވައި، ލޯނު ދޫކުރި ފަރާތްތަކުން ލޯނު އަނބުރާ ދެއްކުމަށް ތަކުރާރުކޮށް ބާރު ފޯރުވަމުންދާ ކަމުގެ ޝަކުވާ އޭނާ ވަނީ އުފުލާފައެވެ.

މި މައްސަލައާ ގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ، ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ޙައްލުތައް ހޯދުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭ ކަމަށެވެ. އަދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މި މައްސަލަ ބަލައިދިނުމަށް މިހާރު އަންގަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން،" ވަޒީރު ވިދާޅުވިއެވެ.

އާދަމް ސަލީމް ފޮނުވި ސިޓީގައި ވަނީ މައިގަނޑު ހަތަރު ކަމަކަށް އެދިފައެވެ. އެއީ ކާރު ރަޖިސްޓްރީ ވަންދެން ލޯނު ދެއްކުން ފަސްކޮށް މޮރެޓޯރިއަމެއް ދިނުމާއި، ކާރުތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް އަވަސްކޮށްދިނުމާއި، ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރުކޮށްދިނުމާއި، ލޯނު ސްކީމްގެ ދަށުން ކާރު ލިބުނު ހުރިހާ ފަރާތްތަކަށް ހަމަހަމަ އިންސާފުވެރި ޙައްލެއް ހޯދައިދިނުމެވެ.



އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، ހުއްދަ ނެތި ޓެކްސީ ދުއްވައިފިނަމަ ޤާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތް އިރު، އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމަކީ ޢަދުލުވެރި ގޮތެއް ނޫން ކަމަށެވެ. މިކަމުގެ ސަބަބުން ލޯނު ނެގި އާދައިގެ ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވެފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ވަޒީރު ސަޢީދު ވަނީ ރައްޔިތުންގެ އަޑު އަހައިގެން، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަންކަން ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު