ވ. އަތޮޅު ވައްޓަރު
ވ. އަތޮޅު ވައްޓަރު
ވ. އަތޮޅު ވައްޓަރާއި އެ ރަށް ހިމެނޭ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށް ސަރުކާރުން މިއަދު ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން މިއަދު ބުނީ، މި ސަރަހައްދު ހިމާޔަތްކުރުމުގެ މައިގަނޑު މަގްސަދަކީ އެ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަމާއި، ރާއްޖެއާއި ދުނިޔެއިން ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުން ކަމަށެވެ.

މ. އަތޮޅުގެ އުތުރުގައިވާ ޖިއޮގްރަފިކް އަތޮޅެއް ކަމަށްވާ ވައްޓަރު ރަށުގެ ބޮޑުމިނަކީ 1.4 ހެކްޓަރު ނަމަވެސް، ހިމާޔަތްކުރި މުޅި ސަރަހައްދުގެ ބޮޑުމިން 9,700 ހެކްޓަރަށް ވުރެ ބޮޑެވެ. މި ސަރަހައްދަކީ ގުދުރަތީ ގޮތުން ތަފާތު ދިރުންތަކެއްގެ މަރުކަޒެކެވެ. އެގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ކަނޑުލުގެ އެކި ބާވަތްތަކުން މުއްސަނދިވެފައިވާ ޗަސްބިމެއް އޮންނައިރު، ރަށުގައި ގިނަ އަދަދަކަށް ކުރެއްޖާއި އެކި ބާވަތުގެ ގަސްގަހާގެހި ހުރެއެވެ. މީގެ އިތުރުން، މާކަނަ، ބޮޑަނަ، ރާބޮންޖެ އަދި ފިނދަނަ ފަދަ ދޫނިސޫފާސޫފި މި ރަށުން ފެންނައިރު، ކަނޑުގެ ސަރަހައްދަކީ ގިނަ އަދަދަކަށް ފާނަ އުޅޭ މުއްސަނދި ވެއްޓެކެވެ.

މި ސަރަހައްދު ހިމާޔަތްކުރުމާއެކު، އެތަނުގައި ކުރުން މަނާ ކަންތައްތަކެއް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ތެރޭގައި އެއްވެސް ދިރުމެއްގެ ހާލި ނުވަތަ ބިސް ނެގުމާއި، އާ ދިރުންތައް ތައާރަފްކުރުމާއި، އުމްރާނީ ތަރައްގީގެ އެއްވެސް މަސައްކަތެއް ނުވަތަ އިންފްރަސްޓްރަކްޗާއެއް ގާއިމްކުރުމާއި، ދިރުންތަކަށް ބުރުއަރާ ފަދަ ގޮތަކަށް އަލިކުރުމާއި، ރޭގަނޑު ދިއްލައިގެން މަސް ތިލަކުރުމާއި، މޫދު ސަރަހައްދުގައި ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގަލާއި ވެލި އަދި އަކިރި ނެގުމާއި ނަގިލިލުމާއި، އެއްގަމު ސަރަހައްދުގައި އަލިފާން ރޯކުރުމާއި، ގަސްކެނޑުމާއި، ދަނޑުވެރިކަން ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ހަވީރު 5:30 އިން ހެނދުނު 6:30 އާ ދެމެދު އެ ސަރަހައްދަށް ޒިޔާރަތްކުރުމާއި، ދޫނި ބިސް އަޅާ މޫސުމުގައި އެ ސަރަހައްދަށް ދިއުމަކީ ވެސް މަނާކަމެކެވެ. ނަމަވެސް، ހާއްސަ އުސޫލެއްގެ ދަށުން ބައެއް ކަންކަމަށް ވަނީ ހުއްދަ ދީފައެވެ. އޭގެ ތެރޭގައި އާންމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުމާއި، ތިމާވެއްޓާ ރައްޓެހި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމާއި، ސައިންޓިފިކް ދިރާސާތައް ކުރުން އަދި ތަން އިއާދަކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ސަރުކާރުން ބުނީ ވައްޓަރު ސަރަހައްދު ހިމާޔަތްކުރުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތައް ހިމާޔަތްކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު