ގޫގުލްގެ މުވައްޒަފުންނާއި ދިރާސާވެރިން އެކަމާ ދެކޮޅަށް އަޑުއުފުލަމުންދަނިކޮށް، އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުތައް އެމެރިކާގެ އަސްކަރީ ސިއްރު މަސައްކަތްތަކުގައި ބޭނުންކުރުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އާއެކު ގޫގުލްއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. ޕެންޓަގަންގެ އޮފިޝަލަކު މިކަން ކަށަވަރުކޮށްދީފައިވާ ކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓްކުރެއެވެ.

ގޫގުލްގެ ބެލެނިވެރި ކުންފުނި، އަލްފަބެޓްގެ ތަރުޖަމާނަކު މައުލޫމާތު ދެއްވި ގޮތުގައި، ޕެންޓަގަންއާއެކު ވެފައިވާ އެއްބަސްވުމަށް އެ ކުންފުނިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި އެއްބަސްވުމުގެ ގިނަ ތަފްސީލުތަކެއް އަދި ހާމަވެފައި ނުވި ނަމަވެސް، މި ބަދަލާއެކު ޕެންޓަގަންއަށް ގޫގުލްގެ ސޮފްޓްވެއާއާ ސީދާ ގުޅާލެވުމުން އެކްސެސް ލިބިގެންދާނެއެވެ. ނަމަވެސް، މީގެ މާނައަކީ އަސްކަރިއްޔާއަށް ހާއްސަކޮށްގެން ވަކި ސޮފްޓްވެއާއެއް ނުވަތަ މޮޑެލްއެއް ފަރުމާކޮށްދިނުން ނޫން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

"ގޫގުލްގެ އިންފްރާސްޓްރަކްޗާގައި ހިމެނޭ އަޅުގަނޑުމެންގެ ވިޔަފާރި މޮޑެލްތަކަށް އެކްސެސް ދިނުމަކީ، ޤައުމީ ސަލާމަތަށް އެހީތެރިވުމަށް އެޅުނު ޒިންމާދާރު ފިޔަވަޅެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" ކުންފުނީގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. މީގެ އިތުރުން، އިންސާނުންގެ ބެލުމުގެ ދަށުން ނޫނީ، އާންމުންގެ މައްޗަށް ފާރަލުމަށާއި އަމިއްލައަށް ހަމަލާދޭ ހަތިޔާރު އުފެއްދުމަށް އޭ.އައީ ބޭނުންކޮށްގެން ނުވާނެ ކަމަށް ޤަބޫލުކުރާ އުސޫލުގައި ގޫގުލް ދެމިއޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ ޕެންޓަގަންއަށް އޭ.އައި ފޯރުކޮށްދިނުމުގައި ގޫގުލްއިން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިންވެސް އަސްކަރީ ކަންކަމުގައި ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކުރުމާ ދެކޮޅަށް މުވައްޒަފުން ވަނީ ތަކުރާރުކޮށް އިހުތިޖާޖުކޮށްފައެވެ. އެންމެ ފަހުން މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހު، ގޫގުލްގެ އޭ.އައި ދާއިރާގެ އެތައް ސަތޭކަ ދިރާސާވެރިންނެއް ވަނީ އަލްފަބެޓްގެ ސީ.އީ.އޯ ސުންދަރު ޕިޗާއީއަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އެދިފައިވަނީ އަސްކަރީ ސިއްރު މަސައްކަތްތަކަށް ކުންފުނީގެ އޭ.އައި ނިޒާމުތައް ދޫނުކުރުމަށެވެ.

އެ ސިޓީގައި ބުނެފައިވަނީ، "މިއީ އޭ.އައި ދާއިރާގައި މަސައްކަތްކުރާ ބަޔަކަށް ވީތީ، މިފަދަ ނިޒާމުތަކުގެ ސަބަބުން ބާރުތައް އެއްތަނަކަށް ޖަމާވެ، ނުރައްކާތެރި ގޯސްތަކެއް ހެދިދާނެކަން އަޅުގަނޑުމެންނަށް އެނގޭ،" ކަމަށެވެ. 2018 ވަނަ އަހަރުވެސް 'ޕްރޮޖެކްޓް މޭވަން' ގެ ދަށުން ޑްރޯން ފުޓޭޖްތައް ދިރާސާކުރަން އޭ.އައި ބޭނުންކުރުމާ ދެކޮޅަށް މުވައްޒަފުން އިހުތިޖާޖު ކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހަތިޔާރު އުފެއްދުމަށާއި ގެއްލުންދެނިވި ކަންކަމަށް ޓެކްނޮލޮޖީ ބޭނުންނުކުރާނެ ކަމަށް ގޫގުލްއިން އޭރު ވައުދުވިއެވެ.

ޕްރޮޖެކްޓް މޭވަން އަކީ ހަމަލާދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށް ގޫގުލްއިން އޭރު ބުނި ނަމަވެސް، މުވައްޒަފުންގެ ކަންބޮޑުވުންތަކާ ހުރެ އެ އެއްބަސްވުން އޭރު އާނުކުރަން ނިންމިއެވެ. ޕެންޓަގަންއިން މިހާރު ގޫގުލްއާ ގުޅިގެން މަސައްކަތް ކުރަން ފަށާފައި މިވަނީ، 2026 ވަނަ އަހަރުގެ ކުރީކޮޅު އެންތްރޮޕިކް ކުންފުންޏާއެކު އޮތް ގުޅުން ކެނޑުމާ ގުޅިގެންނެވެ. ޕެންޓަގަންއިން ދަނީ އެންތްރޮޕިކްގެ 'ކްލޯޑް' އޭ.އައި ޓޫލްގެ ބަދަލުގައި އެހެން ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ އެހީތެރިކަން ހޯދަމުންނެވެ.

'ދަ އިންފޮމޭޝަން' ނޫހުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޤާނޫނީ ހަމަތަކުގެ މަތިން ސަރުކާރުން ބޭނުންވާ ކޮންމެ ކަމަކަށް އޭ.އައި ބޭނުންކުރުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން ޕެންޓަގަންއަށް ލިބޭނެއެވެ.

މީގެ އިތުރުން، އަޑުން ކޮންޓްރޯލްކުރެވޭ އަމިއްލައަށް އުދުހޭ ޑްރޯން އުފެއްދުމަށް ޕެންޓަގަންއިން ހުށަހެޅި 100 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއަކުންވެސް ގޫގުލް ވަނީ އޭރު ވަކިވެފައެވެ. އެ މަޝްރޫއަކީ އަމިއްލައަށް އުދުހޭ، އަޑުން ކޮންޓްރޯލްކުރެވޭ ޑްރޯން އުފެއްދުމަށް ހުޅުވާލި ފުރުސަތެކެވެ. ބްލޫމްބާގުން ބެލި ރެކޯޑްތަކުން އެނގޭ ގޮތުގައި، ގޫގުލް މި މަޝްރޫއުން ވަކިވާން ނިންމީ ކުންފުނީގެ އެތެރޭގެ މައްސަލަތަށް ބޮޑުވުމުންނެވެ. ނަމަވެސް، ރަސްމީކޮށް ގޫގުލްއިން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތުމެވެ.



ކިޔުންތެރިންގެ ހިޔާލު