ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް
ޕީއެންސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ "އަދަދު" ނޫހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެ ނޫހަކީ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ނޫހެއްކަން ފާޅުގައި ހާމަކޮށްފައިވާ ކަމަށާއި، މިހާރު އެ ނޫހުން ކުރިއަށް ގެންދަނީ ނޫސްވެރިކަމަށްވުރެ ބޮޑަށް ސިޔާސީ މަސައްކަތްތަކެކެވެ. ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ސިޔާސީ ގޮތުން ތަފާތު ތުހުމަތުތަކެއް އަޅުވަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ސަރުކާރަކީ ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރުކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އެއްވެސް ބޭފުޅަކު ކުރެވޭ ތުހުމަތުތަކުން ރެކިވަޑައިގެން ނުފިއްލަވާނެ ކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.

އޭނާ ވިދާޅުވީ "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓަރީއަކީ ސާފު ސިޔާސީ މަގުސަދެއްގައި ނެރެފައިވާ އެއްޗެއްކަން މިހާރު ވަރަށް ބޮޑަށް ސާފުވެފައިވާ ކަމަށެވެ.

މީގެ އިތުރުން، "އަދަދު" ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު ފުލުހަށް ހާޒިރުކުރި މައްސަލައަށް އިޝާރާތް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ތަހުޒީބު މުޖުތަމައުތަކުގައި ބޮޑެތި މައްސަލަތަކުގައި މަސްދަރު ހާމަކުރުމަކީ އަސާސީ ކަމެއް ކަމަށެވެ.

ނަމަވެސް އެ ނޫހުގެ އެޑިޓަރުން މަސްދަރުތައް ހާމަކުރަން ބޭނުންނުވުމަކީ އެ ޑޮކިއުމެންޓަރީގެ ފަހަތުގައި ސިޔާސީ ރޭވުންތަކެއް ހުރިކަމުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު