ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި، ރާއްޖޭގައި އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، މި ވަޒީފާތަކަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ސެކްޓަރު ހިމެނޭހެން އުފެދިފައިވާ ވަޒީފާތައް ކަމަށެވެ. އަދި މި ސަރުކާރަކީ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެންމެ ގިނައިން އެ ފަރާތްތަކުގެ އަޑުއެހި ސަރުކާރު ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވި ގޮތުގައި، ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި މިހާރު އިސްކަންދެމުންދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ޙައްލު ހޯދައިދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، މަސްވެރީންނަށް ކުރީން ދަތިވެފައި ހުރި ކަންކަން ފަސޭހަކޮށްދީ، ދަނޑުވެރިކަން އާލާކުރުމާއި، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެ ސިނާޢަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އައްޔަނުކުރި ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންގެ ސީދާ އަދަދު ހާމަކުރުމަށް އުޒުރުވެރިވި ނަމަވެސް، ރައީސް ވިދާޅުވި 23،000 ވަޒީފާގެ ބޮޑު އިންސައްތައަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން އުފެއްދި ވަޒީފާތައް ކަމަށް ބެލެވެއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒަކީ ތާރީޚުގައިވެސް އެންމެ ގިނަ ދިވެހި އުފެއްދުންތައް ފެނުނު މަޢުރަޒު ކަމަށެވެ. އަދި މިއަހަރުގެ މަޢުރަޒު މިއަށްވުރެ ކާމިޔާބުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި ކުރީގެ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅަމުންދާ ކަމަށެވެ. އަދި ދިވެހީންނަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާތަކާއި މަސައްކަތްތައް ކަނޑައަޅައި، އެކަމަށް ޢަމަލީ ސިފަ ގެންނަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު ތަރައްޤީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ކުރާ މަސައްކަތުގައި، ހުރިހާ ދިވެހި މަސައްކަތްތެރިން ހީވާގިކަމާއެކު ޢަމަލީ މައިދާނަށް ނުކުމެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު