ބީއެމްއެލްގެ ސީއީއޯ، ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ، ފޮޓޯ: ބީއެމްއެލް
ބޭރު ގައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ދަރިވަރުންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ބޭންކް ކާޑެއް ނެތް ކުދިންނަށް، ރާއްޖޭގައި ތިބި އެކުދިންގެ ބެލެނިވެރިންގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބޭންކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ދަރިވަރުންނަށް ޚާއްސަކޮށްގެން ވަކި ލިމިޓެއް ކަނޑައެޅިފައިވާ ކާޑެއް ތަޢާރަފުކުރުމަކީ ބޭންކުގެ މުހިންމު އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އައު އިންތިޒާމުގެ ދަށުން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް 1,200 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ޚާއްސަ ލިމިޓެއް ކަނޑައެޅިގެންދާނެއެވެ. މިއީ މިހާރުވެސް ބޭރުގައި ތިބޭ ދަރިވަރުންނަށް ކަނޑައަޅާފައިވާ ލިމިޓެއް ނަމަވެސް، އައު ކާޑާއެކު މި ޚިދުމަތް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސީއީއޯ މުޙައްމަދު ޝަރީފް އިތުރަށް ވިދާޅުވީ، މި މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެކަން ނިމެންދެންވެސް ދަރިވަރުންނަށް މިހާރު ގެންގުޅޭ ކާޑުތައް އެއްވެސް ދަތިކަމެއްނެތި ބޭނުންކުރެވޭނެ އިންތިޒާމު ބޭންކުން ދަމަހައްޓާނެ ކަމަށެވެ.

ދަރިވަރުންނަށް ޚާއްސަ ކާޑެއް ތަޢާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނަށް ޑޮލަރުގެ ދަތިކަން ކުރިމަތިވިޔަނުދީ، އެކުދިންގެ ޒަރޫރީ ބޭނުންތަކާއި ތަޢުލީމީ ޚަރަދުތައް ހަމަޖެއްސުމުގައި ލުއިފަސޭހަ މަގެއް ދެއްކުމެވެ. މި ބަދަލާއެކު ދަރިވަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބޭންކުން ދެކެއެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައެވެ. ބޭންކުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ދަރިވަރުންނާ ހަމައަށް ފޯރުކޮށްދީ، އެކުދިންގެ ކިޔެވުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމުގައިވެސް އެ ބޭންކުން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު