ކުރީގެ ރައީސް މުހައަމަދު ނަޝީދު-
ކުރީގެ ރައީސް މުހައަމަދު ނަޝީދު-
ޤާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދީގެން ރާއްޖެއަށް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތަކެއް ޤާނޫނުއަސާސީގައި އެބަހުރި ކަމަށާއި، އެ ޝަރުތުތައް ހަމަވާ ބޭރު މީހުން ރާއްޖެ ގެންނަންވީ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެއްސަކަށް ވުމުގެ ޝަރުތުތަކެއް ހުރޭތާ. އެ ޝަރުތުތައް ހަމަވާ، ބޭރު މީހުން ރާއްޖެ ގެންނަންވީ ނުން ހަމަ ދިވެހި ރައްޔިތުކަން ދީފަ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، 1953 ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމުން، ރަށްރަށަށް ބޭނުންވާ ފަންނީ މީހުން ހޯދުމަށް މަގުފަހިވާނެއެވެ. މިސާލެއްގެ ގޮތުން އެމަނިކުފާނު ވިދާޅުވީ، ކިނބިދޫ ކައުންސިލުން 10 އިންޖިނިއަރުންނާއި، 20 ޓީޗަރުންނާއި އަދި 4 ޑޮކްޓަރުން ބޭނުންވާ ކަމަށް ބުނުމުން، ޤާނޫނީ ގޮތުން ޝަރުތު ހަމަވާ އެފަދަ ފަރާތްތަކަށް ރައްޔިތުކަން ދީގެން ގެނެވިދާނެ ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގެ މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ، 2009 ވަނަ އަހަރު އޮސްޓްރޭލިއާއިން 5 މިލިއަން މީހުން އިތުރަށް ބޭނުންވާކަން އިޢުލާންކޮށް، އޭޝިއާ ސަރަޙައްދުގައި ތިބި މޮޅެތި މީހުން ހޯދައިގެން އެ ޢަދަދު ހަމަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ފަލަސްޠީނު ފަދަ މެދުއިރުމަތީގެ ޤައުމުތަކުގައި ވަންނާނެ ތަނެއް ނެތިފައި ތިބި، އެކި ދާއިރާތަކުން މޮޅެތި މީހުންނާއި އެމީހުންގެ އާއިލާތައް އެބަތިބިކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް ރާއްޖެއިން ފުރުޞަތު ދެވިދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު