އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
ރާއްޖޭގެ އެކި ދާއިރާތަކުން ގައުމު ހަލުވިކަމާއެކު ތަރައްގީވަމުންދާއިރު، އަތޮޅުތަކަށް މުދާ އުފުލުމުގައި ހަރުދަނާ އަދި އިންތިޒާމުކުރެވިފައިވާ (ސްޓްރަކްޗަރޑް) ސިސްޓަމެއް އޮތުމަކީ މިހާރުން މިހާރަށް ބޭނުންތެރި ކަމެއް ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފިރާގް ވަނީ، ރާއްޖޭގެ ފެރީ އަދި އޮޑިދޯނިފަހަރު މެދުވެރިކޮށް މުދާ ފޮނުވުމުގައި މިހާރު އޮތް ނިޒާމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު އޮތް ނިޒާމާމެދު ޚިދުމަތް ހޯދާ ފަރާތްތަކުން ސުވާލު އުފައްދަނީ، އެކަމަށް ކަނޑައެޅިފައިވާ ހަރުދަނާ ސިޔާސަތެއް ނެތުމާއި، ސާފު ގަވާއިދުތަކެއް އަދި އެއްހަމައެއްގައި ހިފެހެއްޓިފައިވާ އަގުތަކެއް (ސްޓޭންޑަރޑައިޒްޑް ރޭޓް ސްޓްރަކްޗަރ) ނެތުމުގެ ސަބަބުންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުދަލުގެ އިންޝުއަރެންސް ކަވަރޭޖާއި، ޚިދުމަތުގެ މިންގަނޑުތައް ހިމެނޭ ގޮތަށް، ކާގޯ ދަތުރުފަތުރަށް ރަނގަޅު ޤައުމީ ސިޔާސަތެއް ޤާއިމުކުރުން މުހިންމު. ގިނަ ދާއިރާތަކުން ގައުމު ތަރައްގީވަމުންދާއިރު، ސްޓްރަކްޗަރޑް ކޮށް މުދާ އުފުލުމަށް ސިސްޓަމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ފިރާގް ވިދާޅުވިއެވެ.

މުދާ އުފުލާ އޮޕަރޭޓަރުންނާއި ކަސްޓަމަރުންނަށް ވެސް ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކަށަވަރު ކުރުމަށްޓަކައި، މުދަލުގެ ބަރުދަނާއި، ވޮލިއުމް އަދި ޑެލިވަރީ ކުރަންޖެހޭ ސަރަޙައްދުތަކަށް ބަލައި އަގުތައް އެއް މިންގަނޑަކަށް ފެއްތުން (ސްޓޭންޑަރޑައިޒް ކުރުން) ވަރަށް މުހިން ފިރާގް ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އޭނާ އުންމީދު ކުރައްވަނީ، މުޅި ސިނާޢަތަށާއި ޤައުމަށް އެންމެ ފައިދާހުރި ގޮތެއްގައި، ހަރުދަނާ އަދި ޢަމަލީ ގޮތުން ތަންފީޒުކުރެވޭނެ ސިޔާސަތުގެ އޮނިގަނޑެއް އެކުލަވާލުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ، ސިނާޢަތާއި ޤައުމުގެ ފައިދާއަށްޓަކައި، ރަނގަޅަށް އިންތިޒާމުކުރެވިފައިވާ، ޢަމަލީ ސިޔާސަތުގެ އޮނިގަނޑެއް ވަރަށް އަވަހަށް ހުރިހާ ފަރާތެއް ގުޅިގެން ތަޢާރަފްކުރަމަށް މަސައްކތް ކުރާނެ ކަމަށެވެ." ފިރާގްގެ ޕޯސްޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު