ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ކެރިކުޅަދާނަވެއްޖެ މީހާ، އެކަމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ހެއު ގޮތުގައި ވެވޭ ޙައްޖު" މި މައުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގައި ބަޔާންކޮށްފައިވަނީ، ޙައްޖު ވާޖިބުވުމަށްފަހު އެކަން އަދާކުރުމަށް ލަސްނުކޮށް އަވަސްވެގަތުމަކީ ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ ކަމެއް ކަމަށެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ، މީހަކަށް ކަންތައް ދިމާވާނީ ކިހިނެއްކަން ނޭނގޭނެތީ، ފަރުޟު ޙައްޖުވުމަށް އަވަސްވެގަތުމަށެވެ.

ޚުތުބާގައި ފާހަގަކޮށްފައިވަނީ، ޢުމުރުން އެއްފަހަރު ޙައްޖާއި ޢުމްރާވުމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ. ޙައްޖުވުމަށް ކެރިކުޅަދާނަވުމުގެ މާނައަކީ ޞިއްޙީ ގޮތުންނާއި، މާލީ ގޮތުން އެކަމުގެ ތަނަވަސްކަން ހުރުމުގެ އިތުރުން މަގު އަމާންވެގެންވުމެވެ.

ހެއު ގޮތުގައި ވެވޭ ޙައްޖަކަށް އޮތް ޖަޒާއަކީ ސުވަރުގެކަން ބަޔާންކުރައްވަމުން ޚުތުބާގައި ބުނީ، މަޤުބޫލު ޙައްޖަކަށް ހެދުމަށްޓަކައި އެކަމަށް ކުރާ ޚަރަދަކީ ޙަލާލު ފައިސާއަށް ވާންޖެހޭނެ ކަމަށެވެ. މާތް ﷲ އީ ހުސްޠާހިރުވަންތަ ރަސްކަލާނގެ ކަމަށްވާތީ، ޙަލާލު ތަކެތި މެނުވީ އެކަލާނގެ ގަބޫލެއް ނުކުރަށްވާނެއެވެ.

ޙައްޖަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމާއި، ދަރަންޏާއި ލިބެންހުރި ތަކެތި ލިޔެފައި ބެހެއްޓުމާއި، ޙައްޖުގެ ޙުކުމްތަކާއި އަދާކުރާނެ ގޮތް އުނގެނި ދަސްކުރުމާއި، ދެއްކުންތެރިކަމުން ދުރުވެ، ހަމައެކަނި މާތް ﷲ އަށްޓަކައި އެކަން ކުރުން ހިމެނެއެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޙައްޖު މަސްތަކަކީ ޝައްވާލް މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އަދި ޙައްޖުގެ އެންމެ މުހިންމު އެއް ރުކުނަކީ ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ޢަރަފާތް ބިމުގައި މަޑުކުރުމެވެ. މި ރުކުން އަދާނުކުރެވިއްޖެ މީހަކަށް އެ އަހަރަކު ޙައްޖެއް ނުލިބޭނެއެވެ.

ނިންމާލަމުން ޚުތުބާގައި ބުނެފައިވަނީ، ހެއު ގޮތުގައި ވެވުނު ޙައްޖެއްގެ އެންމެ ބޮޑު ޢަލާމާތަކީ ޙައްޖުން އެނބުރި އައުމަށްފަހު، އެމީހެއްގެ ދިރިއުޅުން ހެއު މަގަށް ބަދަލުވެ، މާތް ﷲ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވެ، އަމުރުފުޅުތަކަށް ކިޔަމަންތެރިވާ މީހަކަށް ބަދަލުވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު