ގއ. ކަނޑުހުޅުދޫ، މުރަކަ، އުމުރުން 43 އަހަރުގެ ޝަރަފުﷲ އިސްމާޢީލް
ގއ. ކަނޑުހުޅުދޫ، މުރަކަ، އުމުރުން 43 އަހަރުގެ ޝަރަފުﷲ އިސްމާޢީލް
ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ މައްސަލައެއްގައި މީހެއްގެ މައްޗަށް ކުށްސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކަނޑުހުޅުދޫ، މުރަކަ، އުމުރުން 43 އަހަރުގެ ޝަރަފުﷲ އިސްމާޢީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ ދަށުންނެވެ.

ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ކޯޓުން މިގޮތަށް ނިންމެވީ މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ރިއާޔަތްކުރުމަށްފަހު، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގައެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، މިއީ ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

ހަމައެއާއެކު ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ނުހަނު ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަކީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު