ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަން މަސައްކަތް ކުރުމަކީ ވެރިކަމެއްގެ ނިމުމުގެ ފެށުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އަދި ލީވާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެންނެވެ. އެގޮތުން ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

މިކަމާ ގުޅިގެން އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނޫސްވެރިން ޖަލަށް ލައިގެން އަނގަ ބަންދުކުރަންޖެހޭ ހިސާބަށް ދިއުމަކީ އެވެރިކަމެއްގެ ނިމުމުގެ ފެށުން ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުންވެސް ދަންނަން އޮތްކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ކަންކަމާ ހަވާލުވެގެންތިބޭ ވެރިންނަކީ، އާންމު އެހެން ފަރުދުންނާ ޚިލާފަށް، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ، އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއްނޫނެވެ،" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިން ހުއްޓުވުމަށްޓަކައި ބަޔަކުމީހުން ސާބިތުނުހިފޭ ތުހުމަތުތަކެއް ކޮށްފާނެކަން ދަންނަންޖެހޭނެ ކަމަށާއި، އެހެންނަމަވެސް ސާބިތުކުރަންޖެހެނީ ކޯޓު އޮފް ޕަބްލިކް އޮޕީނިއަންގައި ކަމަށް އުމަރު ވިދާޅުވިއެވެ. އާންމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމްކަމަށް ބުރަވެވެން ޖެހޭނެ ކަމަށާއި، ކުރެވޭ ތުހުމަތަށް ހަމައެކަނި ކޯޓު މަރުޙަލާގައި ޖަވާބުދާރީވުމަކުން ނުފުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ނޫސްވެރިން ޖަލަށް ލުމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާތަކުންނާއި ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު