ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތަކުގައި ހިންގާ އަޑިނޭނގޭ ގުރޫޕުތަކާއި ޗެނަލްތަކުގެ ޒަރީއާއިން އާންމުން ބްލެކްމެއިލްކޮށް، ފައިސާ ފޭރުމުގެ މައްސަލަތަކެއް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ މުޢާމަލާތު ކުރުމަށް މަޤްބޫލު މި ވަޞީލަތްތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ބައެއް ފަރާތްތަކުން ޖަރީމާތައް ހިންގަމުންދާކަން ފާހަގަކުރެވޭތީއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކުށްވެރިން މިފަދަ ޕްލެޓްފޯމުތަ

ކުގައި މަސްތުވާތަކެއްޗާއި، ވޭޕާއި، އަދި ހަށިވިއްކުމުގެ ޚިދުމަތްތައް ފަދަ ޤާނޫނާ ޚިލާފު ކަންކަން ފުޅާދާއިރާއެއްގައި އިޝްތިހާރު ކުރަމުންދެއެވެ. މިފަދަ މުދަލެއް ނުވަތަ ޚިދުމަތެއް ހޯދުމަށް މީހަކު ޝައުޤުވެރިކަން ފާޅުކުރުމުން، އެ މީހެއްގެ އިތުބާރު ހޯދުމަށް ފޭކް ޕްރޮފައިލްތަކާއި އެހެން މީހުންގެ ފޮޓޯ ބޭނުންކުރެއެވެ. އަދި "ބުކިން ފީ" ނުވަތަ "ޑެލިވަރީ ޗާޖު" ފަދަ ނަންނަމުގައި ކުރިއާލައި ފައިސާ ހޯދުމަށްފަހު، އެ މުޢާމަލާތުގެ ތެރެއިން ލިބޭ ޒާތީ މަޢުލޫމާތާއި ބޭންކް ސްލިޕްތައް ބޭނުންކޮށްގެން އެ މީހަކު ބްލެކްމެއިލް ކުރަން ފަށައެވެ.

މިގޮތުން ހޯދާ މެސެޖުތަކާއި ފޮޓޯތައް އެ މީހެއްގެ އާއިލާއަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ފޮނުވާނެ ކަމަށް ބުނެ ބިރުދައްކައި، ތަކުރާރުކޮށް ފައިސާ ފޭރެމުންދާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. ބައެއް ހާލަތްތަކުގައި، ޝިކާރައަކަށްވާ މީހާގެ މައްޗަށް ނުފޫޒު ފޯރުވައިގެން މަނީ ލޯންޑްރިންނާއި މަނާ ތަކެތި އުފުލުން ފަދަ ބޮޑެތި ކުށްތަކުގައި އެ މީހުން ބައިވެރިކުރުވާ ކަމުގެ މަޢުލޫމާތު ވެސް ވަނީ ލިބިފައެވެ. މިއީ އެ މީހަކު ބޮޑެތި ޤާނޫނީ އަދި މާލީ ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދާނެ ކަމެކެވެ.

މި ނުރައްކަލުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ހިންގާ އެއްވެސް ބާވަތެއްގެ ޤާނޫނާ ޚިލާފު މުޢާމަލާތެއްގައި ބައިވެރިނުވުމަށާއި، ނުދަންނަ މީހުންނަށް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި އަމިއްލަ މަޢުލޫމާތާއި ބޭންކް ސްލިޕް ފަދަ ތަކެތި ނޭނގޭ މީހުންނާ ހިއްސާ ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ. ބިރުދައްކައި ބްލެކްމެއިލް ކުރަން ފަށައިފި ނަމަ، އެ ފަރާތަކާ އިތުރަށް ވާހަކަ ނުދައްކައި އަދި ފައިސާ ނުފޮނުވައި، ވީ އެންމެ އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުށްވެރިންގެ ބިރުދެއްކުންތަކަށް ސަމާލުކަން ނުދީ، އެފަދަ ކަންކަން ދުރާލައި ރިޕޯޓު ކުރުމަކީ އަމިއްލަ ނަފްސާއި މުޖުތަމަޢު ސަލާމަތް ކުރުމަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅު ކަމަށެވެ. މައްސަލަ ރިޕޯޓު ކުރާއިރު، ހެކީގެ ގޮތުގައި މެސެޖުތަކުގެ ސްކްރީންޝޮޓާއި އެކައުންޓް ތަފްސީލު ފަދަ މަޢުލޫމާތު ރައްކާކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު