ވ. އަލިމަތާ ކައިރިން ކަނޑުއަޑީގެ ހޮހޮޅައަކަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ފެނުނީ ހޭނެތިފައި އޮތްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ މަހުދީ ކަނޑުއަޑިން ފެނުނީ ހޭނެތިފައި އޮއްވާ ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ، މިއަދުގެ ޑައިވްގައި ރެސްކިއު އަށް ޑައިވަރުން ބައިވެރިވި ކަމަށެވެ. ނަމަވެސް، ޑައިވް ނިންމުމަށްފަހު އެހެން ބޭފުޅުން މައްޗަށް އެރިއިރު މަހުދީ މައްޗަށް ނާރާކަން ފާހަގަކުރެވިގެން، ވަގުތުން އެހެން ޑައިވަރުން އަލުން އަޑިއަށް ގޮސް ބެލިއިރު އޭނާ އޮތީ ހޭނެތިފައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.​މަހުދީ ކަނޑުން ނަގައިގެން ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ތަރުޖަމާނު ކަށަވަރުކޮށްދެއްވި ގޮތުގައި މަހުދީ ނިޔާވީ ފީނުމުގެ ތެރޭގައި ދިމާވި "ޑީކޮމްޕްރެޝަން ސިކްނެސް" (ޕްރެޝަރު ބަލި) ގެ ސަބަބުންނެވެ. އަދި މި ހާދިސާއިން ދައްކުވައިދެނީ މި މިޝަންގެ ހުރި ނުރައްކާތެރިކަން ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

​ނިޔާވި މަހުދީއަކީ، އިއްޔެ (ހުކުރު ދުވަހު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވުމުން، އެ މަނިކުފާނަށް ރެސްކިއު ޕްލޭން ބަޔާންކޮށްދެއްވި ސިފައިންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. ​މަހުދީގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާ ނިޔާވުމާ ގުޅިގެން ވަނީ "ސާޖަންޓް ފަސްޓް ކުލާސް" ގެ މަޤާމަށް ޕްރޮމޯޓް ކުރައްވާފައެވެ. މަހުދީގެ ކަށުނަމާދާއި ޖަނާޒާގެ ކަންކަން މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު