ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފިއެވެ.

ސިނގިރޭޓް ވައްކަމާއި ގުޅިގެން ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ. އެމައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ތުހުމަތުގައި އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އާއްޓޭއާއި ދިގަލި ހިމެނެއެވެ. ވައްކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ފުރަތަމަ އަމުރުކުރި ނަމަވެސް، މިދިޔަ ޑިސެމްބަރު 11 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އެ މީހުން ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލާފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި އާއްޓޭ އާއި ދިގަލި ވަހީދު ބަންދުން ދޫކޮށްލަން ނިންމީ، އެ މީހުންގެ މައްޗަށް ކުރެވެނީ ކުށް ކުރުމަށް ރޭވުމުގެ ތުހުމަތު ކަމަށްވެފައި، ވައްކަމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީއެވެ. މީގެ އިތުރުން، ކޮންޓެއިނަރުތައް ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެހުރި ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން ވެސް އަމަލީގޮތުން ބައިވެރިވެފައި ނުވާތީ އޭނާ ވެސް ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުން:

މުޙައްމަދު ވަޙީދު (ބ. އޭދަފުށި، ދިގަލި)

އަޙްމަދު ޢާރިފް (މއ. އެވަގްލޯރީ)

މުޢާޒު ޢަލީ (ހ. ނިއުހެޕިނަސް)

ޒިވާރު އިސްމާޢީލް (ހދ. ވައިކަރަދޫ، މެދުރީގެ)

އަޙްމަދު ޝަހީމް (ހދ. ވައިކަރަދޫ، ނޫރަލީގެ)

އަޙްމަދު ފިރުސާން (ހ. ރުމޭނިޔާ)

ޙުސައިން ސާމިޙު (ސ. ހިތަދޫ، ޗާނދަނީގެ)

އާދަމް ވަޙީދު (ނ. މިލަދޫ، ކެނެރީގެ)

ޙަސަން ޢަބްދުއްރަޙްމާން (ކ. ތުލުސްދޫ ބޮލްކް ލިންކް)

މުޙައްމަދު އަލަމިން މިއާ (ބަނގުލަދޭޝް)

އެ 10 މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމުގެ ދައުވާއާއި، ވައްކަން ކުރުމަށް ރޭވުމުގެ ދައުވާގެ އިތުރުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.



ކިޔުންތެރިންގެ ހިޔާލު