ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ރަސްމީކޮށް ރޭ ފަށައިފިއެވެ.

މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި މިފަދަ ސީދާ ދަތުރުތަކެއް އޮސްޓްރޭލިއާއަށް ކުރަން ފެށި ފުރަތަމަ ފަހަރެވެ.މި ތާރީޚީ ދަތުރުތައް ކުރަނީ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ އޭ330 މަރުކާގެ ބޯޓުގަ އެވެ. މި ސިލްސިލާގެ ފުރަތަމަ ފްލައިޓް އޮސްޓްރޭލިއާގެ މެލްބަންއަށް ދިއުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިހާރު ވަނީ ފުރާފަ އެވެ.



ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މައުލޫމާތުތައް ވަގުތުން ފޯރުކޮށްދޭ މަގުބޫލު ވެބްސައިޓެއް ކަމަށްވާ "ފްލައިޓް ރާޑަރ24" އިން ވެސް ވަނީ މި ދަތުރުގެ ޓްރެކިން މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މި ތާރީޚީ ފެށުން ފާހަގަކޮށްފަ އެވެ.



ދަތުރުގެ މުހިންމު ބައެއް މައުލޫމާތު:

ދަތުރުގެ ވަގުތު: ކުރިން އެހެން ގައުމުތަކުގައި ޓްރާންސިޓް ކޮށްގެން 20 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި ނަމަވެސް، މި ސީދާ ދަތުރުތަކާއެކު 11 ގަޑިއިރުން އޮސްޓްރޭލިއާއަށް ދެވޭނެ އެވެ.

ޝެޑިއުލް: މި ދަތުރުތައް ކުރިއަށްދާނީ ހަފްތާއަކު އެއް ފަހަރު، ސީޒަނަލް ބޭސިސްއެއްގަ އެވެ.

ޓްރަޔަލް މުއްދަތު: މި ދަތުރުތައް ފަށާފައިވަނީ ހަ މަސް ދުވަހުގެ ޓްރަޔަލް މުއްދަތަކަށެވެ.

މި އައު ދަތުރުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. އަދި މީގެ ކުރިން އެހެން ގައުމުތައް މެދުވެރިކޮށް ދިގު ދަތުރެއް ކުރަންޖެހުނު އޮސްޓްރޭލިއާގެ ފަތުރުވެރިންނަށާއި ދިވެހި ދަތުރުވެރިންނަށް މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު