ދަރިވަރުން އިމްތިހާން ހަދަނީ
ދަރިވަރުން އިމްތިހާން ހަދަނީ
މިދިޔަ ޖެނުއަރީ މަހު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި ކެމްބްރިޖް އައިޖީސީއެސްއީ އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ) އިން ހާމަކުރި ގޮތުގައި، މިއަދު މެންދުރު 12:00 އިން ފެށިގެން ދަރިވަރުންނަށް ނަތީޖާ ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަތީޖާާާ ބަލާ ދަރިވަރުގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައިޑީކާޑުގެ އިތުރުން ނަތީޖާއާ ހަވާލުވާ މީހެއްގެ އައިޑީކާޑު ގެންދަން ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މިއަހަރުގެ އިމްތިހާނުތައް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެސްއެސްސީ އިމްތިހާނުންނެވެ. މި އިމްތިހާނުގައި މިއަހަރު ޖުމްލަ 8،218 ދަރިވަރުން ބައިވެރިވެފައިވެއެވެ. އިމްތިހާނުތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ޖުމްލަ 267 ސެންޓަރެއްގައެވެ. އޭގެ ތެރޭގައި މާލޭގެ 21 ސެންޓަރަކާއި އަތޮޅުތަކުގެ 246 ސެންޓަރެއް ހިމެނެއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނަކީ ސަރުކާރުން އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް ގެނައި މުހިންމު ބަދަލުތަކަކާއެކު ބޭއްވުނު ފުރަތަމަ އިމްތިހާނެވެ. 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު ގެނައި މި ބަދަލާއެކު، މަޖުބޫރު ހަތަރު މާއްދާ ކަމަށްވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގެ އިމްތިހާނުގައި ހުރިހާ ދަރިވަރުން ފުރިހަމައަށް ބައިވެރިވުމާއެކު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ.

އާ އުސޫލުގެ ދަށުން، ސްކޫލްތަކުން ބާއްވާ މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، އޯލެވެލްގެ މަޖުބޫރު މާއްދާތަކުގައި ބައިވެރިވުން ކޮންމެ ދަރިވަރަކަށްވެސް މިހާރު ލާޒިމްވާނެއެވެ. މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، މަޖުބޫރު މާއްދާއަކުން މޮކް އިމްތިހާނުން ފާސްނުވެއްޖެނަމަ، އެ ދަރިވަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވާން ޖެހެނީ އަމިއްލަ ޚަރަދުގައި ފައިސާ ދައްކައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު