ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮޓޯ: ފޮރިން މިނިސްޓްރީ
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުމުގެ މަގުސަދުގައި، 'ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިޖެނެރޭޝަން އިން ދަ މޯލްޑިވްސް' މަޝްރޫއުގެ ފައިނޭންސިންގ އެގްރީމަންޓުގައި ދިވެހި ސަރުކާރާއި ޔޫރަޕް ޔޫނިއަން (އީ.ޔޫ) އިން މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ބަދަލުކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބާއްވާފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، ޝެރީނާ އަބްދުއްސަމަދެވެ. ޔޫރަޕް ޔޫނިއަނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ފަރާތްޕުޅުން، އެއްބަސްވުން ރަސްމީކޮށް ހަވާލުކޮށްދެއްވީ ޔޫރަޕް ޔޫނިއަންގެ ވަފުދުގެ ހެޑް އޮފް ކޯޕަރޭޝަން، ޑރ. ޔޯހަން ހެސޭއެވެ.

ކުޅިތަކަކީ ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށްވުމާއެކު، މި އެއްބަސްވުމުގެ ދަށުން މުޖުތަމައުގެ ބައިވެރިވުން ހިމެނޭހެން މިކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޔޫރަޕް ޔޫނިއަނުން 4 މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ފޯރުކޮށްދޭނެއެވެ.

އެއްބަސްވުން ބަދަލުކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓަރ ޝެރީނާ ވިދާޅުވީ، ޔޫރަޕް ޔޫނިއަނަކީ ގިނަ ދާއިރާތަކަކުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، ރާއްޖޭގެ މޫސުމީ ރައްކާތެރިކަމަށް އެ ޔޫނިއަނުން ދޭ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ. މީގެ އިތުރުން، މި އެހީއަކީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ހުށަހަޅާފައިވާ 'ނޭޝަނަލީ ޑިޓާމިންޑް ކޮންޓްރިބިއުޝަންސް' (އެން.ޑީ.ސީ 3.0) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުޅިތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޑރ. ހެސޭ ވިދާޅުވީ، ކުޅިތަކަކީ ގޮނޑުދޮށްތައް ހިމާޔަތްކޮށް، ދިރޭތަކެތީގެ ނަސްލު ދަމަހައްޓައި، ކާބަން ރައްކާކޮށްދޭ ވަސީލަތްތަކެއް ކަމަށެވެ. އަދި މިތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރެވޭނީ އާންމުންގެ ބައިވެރިވުމާއި ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު