އިސްޙާގު ހުސައިން
އިސްޙާގު ހުސައިން
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިސްޙާގު ހުސައިން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްޙާގު މަގާމުން އިސްތިއުފާ ދެއްވައި މި ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިސްތިއުފާގެ ސިޓީ ވަނީ ހުށަހަޅުއްވާފައެވެ. އިސްހާގު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އިސްޙާގު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަނު ކުރަށްވާފައިވަނީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ރައީސަކާއި، ނައިބު ރައީސެއްގެ އިތުރުން އަށް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުއައްސަސާއެކެވެ.

މިއީ ވަޒީފާގެ މާހައުލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ އެކިއެކި މައްސަލަތައް ބަލައި، ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ވީހާވެސް އަވަހަށް އަދި ލުއިފަސޭހަކަމާއެކު މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ.

މި އިދާރާއަކީ ރާއްޖޭގެ މަސައްކަތްތެރިން، ވަޒީފާގެ ހައްގުތައް ހޯދުމަށްޓަކައި މައްސަލަ ހުށައެޅުމަށް ޤާނޫނީ ގޮތުން އުފައްދާފައިވާ އިދާރާއެވެ.



ކިޔުންތެރިންގެ ހިޔާލު