އަތޮޅު އޮފީސްތަކަށް އަތޮޅުވެރިން ނުވަތަ ގަވަރުނަރުންގެ ގޮތުގައި ސިޔާސީ ވެރިން އައްޔަންކުރެއްވުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަތޮޅު އޮފީސްތަށް އުފެއްދެވި ނަމަވެސް އެތަންތަނަށް ސިޔާސީ ބޭފުޅުން އައްޔަންކުރުމުގެ އެއްވެސް ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މިހާރު އަތޮޅުތަކުގައި ހުރި އޮފީސްތަކަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސެކްޝަންތަކެއް ނުވަތަ އިދާރާތަކެއް ކަމަށެވެ. އަދި ރައީސް އޮފީހުގެ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ތަންތަނަށް ކޮންމެ ނަމެއް ކީ ނަމަވެސް، އެއީ އެލްޖީއޭ ގެ ދަށުން ހިނގާނެ ތަންތަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެކޮޅުން ފޮނުވި އޮޕްޝަންސްތަކުގެ ތެރެއިން އަޅުގަނޑުމެން ދެންނެވީ ގެ މިއޮންނަ އަތޮޅުގެ އޮފީސް ކިޔާށޭ. އެބޭފުޅުން ބޭނުންވެއްޖެއްޔާ އެހެން ނަމެއްވެސް ކިޔަންވީ. އަތޮޅުގެ ހުންނަ އެލްޖީއޭ ގެ އިދާރާއޭ އެއީ، ގޮފި ކިޔަސް އަދި އެތަނަކީ ޑިޕާޓްމަންޓެއްގެ ގޮތުގަ ކިޔަސް އަޅުގަނޑަކަށް މައްސަލައެއް ނެތް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެ އޮފީސްތަކަށް ވަކިން ސިޔާސީ ވެރިއެއް ނުވަތަ އަތޮޅުވެރިއެއްގެ ނަމުގައި މީހުން އައްޔަންކުރުމަކީ އެއްގޮތަކަށްވެސް ކުރަން ގަސްތުކުރާ ކަމެއް ނޫން ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު، ކައުންސިލަރުންގެ އަދަދު މަދުކުރުމަށްޓަކައި ކުރިން އޮތް އަތޮޅު ކައުންސިލްތައް މިހާރު ވަނީ އުވާލާފައެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އޮފީހެއް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.މި ނިންމެވުމާ ގުޅިގެން، އުވާލި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ހެދުމަށްރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އެ އޮތޯރިޓީއަށް އަންގަވާފައެވެ.

ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށް ގާއިމްކުރާ މި އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނެއް ނޫނެވެ. އެހެންކަމުން، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި، ބޭނުންކުރާނެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.އެގޮތުން، މި އޮފީސްތަކަށް ބޭނުންކުރުމަށް ރައީސް ނިންމެވި ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް" އެވެ.



ކިޔުންތެރިންގެ ހިޔާލު