ވާވު އަތޮޅު ކޭވް ހާދިސާ ދައްކުވައިދޭ އޭއައި ފޮޓޯ އެއް
ވާވު އަތޮޅު ކޭވް ހާދިސާ ދައްކުވައިދޭ އޭއައި ފޮޓޯ އެއް
ވާވު އަތޮޅުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމާއި، ސަލާމަތީ ކަންކަމާއި، ޒިންމާދާރުކުރުވުމުގެ އިތުރުން ޑައިވިންގ އުސޫލުތަކާ ބެހޭގޮތުން ސަރުކާރުން މިއަށްވުރެން ބޮޑަށް ވިސްނަންޖެހޭ އަދި ދިމާވި ހިތާމަވެރި ހާދިސާއިން ލިބިގަންނަންޖެހޭ ފިލާވަޅުތަކާއި ދޭތެރޭވެސް ވިސްނަން އެބަޖެހެއެވެ.

ސާފު މޫދުތަކާއި ދުނިޔޭގެ ފެންވަރުގެ ޑައިވިންގ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް، 14 މެއި 2026 ގައި ވާވު އަތޮޅުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ޒިންމާ ވާންޖެހޭ މީހުންނާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މި ހާދިސާގައި، ރާއްޖޭގެ ގާނޫނީ ގޮތުން ހުއްދަކުރާ މިންގަނޑަށްވުރެ މާ ފުންމިނެއްގައި (50-65 މީޓަރާ ދެމެދު)، ދެކުނު ކަނޑު (ތިންވަނަ ކަނޑު ނުވަތަ ދެވަނަ ކަނޑު) ގެ ހޮހަޅަތައް ބަލަމުންދިޔަ އިޓަލީގެ ފަސް ޑައިވަރުން ވަނީ މަރުވެފައެވެ. މީގެ އިތުރުން، މި މީހުން ހޯދުމުގެ މަސައްކަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ވެސް ވަނީ ޑީކޮމްޕްރެޝަން ސިކްނެސްގެ ސަބަބުން ޝަހީދުވެފައެވެ. މި ހާދިސާއިން ހާމަވެގެންދިޔައީ ސަލާމަތީ ފިޔަވަޅުތަކާއި، ޤަވާއިދުތައް ތަންފީޒުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޒިންމާދާރުކަމުގެ އިތުރުން މަޖިލީހުގެ ފާރަވެރިކަން ވަރުގަދަކުރަންޖެހޭ މިންވަރެވެ.

މި ހާދިސާ ދިމާވި އިޓަލީގެ ތަޖުރިބާކާރު ޑައިވަރުންގެ ގްރޫޕް ވަދެފައިވަނީ ވަރަށް ހަނި އަދި ނުރައްކާތެރި ހޮހަޅަތަކެއްގެ ތެރެއަށެވެ. މާހިރުން ލަފާކުރާ ގޮތުގައި މި ހާދިސާ މެދުވެރިވީ ހަނި މަގުތަކުގެ ސަބަބުން މިސްރާބު އޮޅުމާއި، ގަދަ އޮއިވަރާއި ނުވަތަ އެފަދަ ފުން ތަންތަނަށް ބޭނުންވާ އެކަށީގެންވާ ސާމާނު ނެތުމުގެ ސަބަބުންނެވެ. އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދިޔަ ސަލާމަތީ މަސައްކަތްތަކުގައި އާދައިގެ ޑައިވިންގ ސާމާނު ބޭނުންކުރުމަކީ ސިފައިންގެ ފުރާނައަށް ނުރައްކާވި ކަމެކެވެ. އެންމެ ފަހުން ހަށިތައް ނެގުނީ ފިންލޭންޑްގެ ޓެކްނިކަލް މާހިރުންގެ އެހީތެރިކަމާއެކު، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. ފިންލޭންޑްގެ މާހިރު ސާމީ ޕަކާރިނެން ފާހަގަކުރި ގޮތުގައި، އެފަދަ ނުރައްކާތެރި ހޮހަޅައަކަށް "ގައިޑް ރޯޕް" ނުވަތަ ރައްކާތެރިކަމުގެ ނަރު ބޭނުންނުކޮށް ވަނުމަކީ ބޮޑު ގޯހެކެވެ.

މިފަދަ ބޮޑު ހާދިސާއަކާ ގުޅިގެން ޑިފެންސް މިނިސްޓަރާއި އެމް.އެން.ޑީ.އެފް ގެ އިސްވެރިން މަޖިލީހަށް ކުރަންޖެހެނީކީ ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށް ހެދީމަކާނޫން، މިމައްސަލަ އަށް ހައްލެއް ހޯދުމަށް ހާޒިރުކޮށް ސުވާލުކުރުމަކީ ރައްޔިތުންގެ ބޮޑު އެދުމެކެވެ. ނަމަވެސް، މި މައްސަލައިގައި މަޖިލީހުގެ ފަރާތުން ފެންނަނީ މަޑުމޮޅިކަމެކެވެ. ސިޔާސީ މަސްރަޙަށް ބަލާއިރު، ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދު، އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ އެއްގަލަކަށް އަރާފައެވެ. މީގެ ސަބަބުން ސަރުކާރުގެ ސަމާލުކަން ޑައިވިންގ ހާދިސާއަށްވުރެ ބޮޑަށް ސިޔާސީ އަދި މީޑިއާގެ މިނިވަންކަމުގެ މައްސަލަތަކަށް ހުއްޓިފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާ ހިނގިއިރު ޑައިވަރުން ތިބި "ޑިއުކް އޮފް ޔޯކް" ސަފާރީގެ ލައިސަންސް ސަރުކާރުން ވަނީ ހިފަހައްޓާފައެވެ. ނަމަވެސް، ހަމައެކަނި ލައިސަންސް ހިފެހެއްޓުމަކުން ފުދޭތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެ ބޯޓުގެ ކްރޫއިންނާއި އޮޕަރޭޓަރުންގެ އިހުމާލެއް އޮތްތޯ ވީހާވެސް އަވަހަކަށް ބަލައި، ހަރުދަނާ ތަޙުޤީޤެއް ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިވެހިރާއްޖޭގައި އާންމު އުސޫލް އޮންނަ ގޮތުން މައްސަލަތަށް ނުބެލި ލަސްވާ ވަރަކަށް މައްސަލަ އަށް ފަސްއެޅި ފޮރުވޭގޮތް ދިމާވެއެވެ.

2003 ވަނަ އަހަރު އެކުލަވާލާފައިވާ ރާއްޖޭގެ ޑައިވިންގ ޤަވާއިދުގައި، ރެކްރިއޭޝަނަލް ޑައިވިންގގެ އެންމެ ފުންމިނަކީ 30 މީޓަރު ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހޮހަޅަތަކަށް ވަނުމާއި ޓެކްނިކަލް ޑައިވިންގއަކީ މަނާކަމެކެވެ. ނަމަވެސް، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު މި ޤަވާއިދު ވަނީ މުސްކުޅިވެ ހަނދާން ނައްތާލާފައެވެ. މި ހާދިސާއިން ދައްކުވައިދިނީ ޤަވާއިދުތައް ތަންފީޒުކުރުމުގެ ބަލިކަށިކަމާއި، މިފަދަ ހާލަތްތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ވަސީލަތްތައް ރާއްޖޭގައި ނެތްކަމެވެ.

ވާވު އަތޮޅުގެ ހާދިސާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ލިބުނު ރަތް ސިގްނަލެކެވެ. ޑައިވިންގ ޤަވާއިދުތައް ޒަމާނީކުރުމާއި، ސިފައިންނަށް ބޭނުންވާ ޓެކްނިކަލް ވަސީލަތްތައް ހޯދުމާއި، އަދި ދާއިރާގެ މަސްލަހަތުވެރިން ޒިންމާދާރުކުރުވުމަކީ "މޯލްޑިވްސް" ބްރޭންޑްގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމެވެ. ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ސަލާމަތާއި ރައްކާތެރިކަން އެންމެ އިސްކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު