ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ ބިމުގައި 500 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއްގެ ފައިނަލް މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ޑީޓެއިލް ނުވަތަ ތަފްސީލީ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށެވެ.

ހައުސިންގ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް އެޗްޑީސީއާ ހަވާލުކުރެވި، އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި 44 ސޯޝަލް ހައުސިންގ ޔުނިޓެއްގެ މަސައްކަތް މޮބިލައިޒްކޮށްފައިވާއިރު، އެ ސިޓީގައި އެޅުމަށް ވައުދުވި 2،000 ޔުނިޓްގެ މަސައްކަތް ފެށުމުގެ މަރުހަލާ ކުރިއަށްދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ 13 ރަށެއްގައި ބީއެމްއެލްގެ ފައިނޭންސްގެ ދަށުން ގާތްގަނޑަކަށް 975 ހައުސިންގ ޔުނިޓް ހަވާލުކުރެވި، އެ މަޝްރޫޢުތައް މިހާރު ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދަށް ބަލާއިރު، ހުޅުމާލޭގައި ބީއެމްއެލް ސްކީމްގެ ތެރެއިން 3،000 އާއި 4،000 އާ ދެމެދުގެ އަދަދަކަށް ފްލެޓް އެކި ފަރާތްތަކާ ހަވާލުކުރެވި، އަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި، މިހާރުވެސް މާލެ ސަރަހައްދުގައި 17،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

ސަރުކާރުން އަލަށް ތައާރަފްކުރި އެފޯޑަބަލް ހައުސިންގ ސްކީމަށް ދިވެހި ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ތެރެއިންވެސް މާލެ ސަރަހައްދުން 2،000 އެއްހާ ޔުނިޓްގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ވިލިމާލޭގައިވެސް މިހާރު ޕްރޮޖެކްޓެއް ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ އެހީތަކާއެކު ހިންގާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ 4،000 ޔުނިޓްގެ އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫޢު އަވަސްކުރުމަށް އިންޑިއާ ސަރުކާރާއެކު ވާހަކަދެކެވެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ދިމާވި ބައެއް ކަންތައްތަކާ ހުރެ މަޝްރޫޢުތައް މި އަހަރުގެ ތިންވަނަ ކުއާޓަރު ނުވަތަ ހަތަރުވަނަ ކުއާޓަރަށް ކުޑަކޮށް ލަސްވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލެ ސަރަހައްދާއި ރަށްރަށުން އިތުރު ހައުސިންގ މަޝްރޫޢުތައް ފެނިގެންދާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު