ރައްޔިތުން ތިބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މި ސަރުކާރާ އަދި ޕީއެންސީއާ އެކީގައި ކަމަށާއި، މަޖިލީހުގެ ތެރެއިން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އެއްވެސް ފުރުސަތެއް އިދިކޮޅު ފަރާތްތަކަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ސޮޑާ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާޠަބުކުރައްވައި އަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ޕީއެންސީއަށް ދީފައިވަނީ ރައީސް މުޢިއްޒުގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މަޖިލީހަށް މިހާރު ބޭނުންވަނީ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރުތަކުގައި ސޮއިކުރާނެ މެންބަރުންނެއް ނޫން ކަމަށާއި، ބޭނުންވަނީ ސަރުކާރުގެ ތަރައްގީގެ ދަތުރުގައި ބައިވެރިވާނެ "ފަޅުވެރިން" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިޔަބޭފުޅުންނަކަށް ނުނެގޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ. ރައްޔިތުން ހައްލަން، ރައްޔިތުން ވާވައްދަން، ރައްޔިތުންނަށް އޮޅުވާލަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބީއެއް ކުރިއަށް އޮތް މަޖިލީހުން ތިޔަބޭފުޅުންނަކަށް ނޯންނާނެ،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަށް ސަރުކާރުން ބޭނުންވާ ފަދަ އެއްބާރުލުންދޭނެ މެންބަރަކީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދު (ކެންޑިޑޭޓް ނަންބަރު 2) ކަމަށެވެ. އަދި ރައްޔިތުން އެދޭ މިސްރާބަށް ގައުމު ގެންދިއުމަށްޓަކައި ސޮޑާއަށް ވޯޓު ދެއްވުމަށް އޭނާ ދާއިރާގެ ރައްޔިތުންނަށް ގޮވައިލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު