އީދު ފާހަގަ ކުރުން
އީދު ފާހަގަ ކުރުން
އީދު ކުޅިވަރުތައް އިސްތިހާރު ކުރުމަށާއި، މީހުންގެ މަގުބޫލުކަން ހޯދުމަށް އަންހެން ކުދިން ބޭނުންކޮށްގެން ވީޑިއޯ ލަވަތައް ހެދުން އިތުރުވަމުންދާތީ އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފިއެވެ.





ޝައިޚް ނިޝާން ވިދާޅުވީ، ރަށްރަށުގެ އީދު ފާހަގަކުރުމަށްޓަކައި އެ ރަށެއްގައި އުޅޭ އަންހެން ކުދިން އިސްތިހާރު ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، މިއީ އެނގިގެން ނުވަތަ ނޭނގި ނަމަވެސް ކުރެވެމުންދާ "ޒަމާނީ ހަށިވިއްކުމުގެ" އަމަލެއްގެ ގޮތުގައި ސިފަކުރެވޭނެ ކަމެއް ކަމަށެވެ.

އަދި ﷲ ގެ ވަޙީބަސްފުޅުތަކާއި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބޯލަނބައި، އަންހެނުންގެ ޢިއްޒަތާއި ޙުރުމަތް ކަނޑާނުލުމަށް ޅެން ބައިތަކުން މިސާލު ދައްކަވަމުން ޝައިޚް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެއް ރަށަށްވުރެ އަނެއް ރަށެއްގެ އީދު ހަރަކާތްތަކަށް މީހުން ޝައުގުވެރިކުރުވުމަށާއި، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި މީހުންގެ އަދަދު އިތުރުކުރުމުގެ ބޭނުމުގައި މިފަދަ ޕްރޮމޯޝަނަލް ލަވަތައް ނެރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.

މިގޮތުން އުފެދިފައިވާ މިއުޒިކް ގްރޫޕްތަކުގެ މެދުގައި އޮންނަ ވާދަވެރިކަމެއްގެ ބޮޑުކަމުން، ގްރޫޕްގެ މަގުބޫލުކަން މަތިކުރުމަށްޓަކައި ދެޖިންސުގެ މީހުން މަސްހުނިވެގެންނާއި، އަންހެން ކުދިން ކުރިއަށް ނެރެގެން ތަފާތު ވީޑިއޯތައް އަންނަނީ އުފައްދަމުންނެވެ.

ނަމަވެސް، ދީނީ އިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި މިއުޒިކް އާލާތްތައް (އަލް-މަޢާޒިފް) ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ.

ހާއްސަކޮށް، އިންސާނާ ނުބައި މަގުތަކަށް މަގުދައްކާ އަދި އަޚްލާޤީ މިންގަނޑުތަކުން ބޭރުވާ ފަދަ ގޮތްގޮތަށް ލަވަތަކާއި މިއުޒިކް ބޭނުންކުރުމަކީ ދީނީގޮތުން ބޮޑެތި ނުބައި ބަދަލުތަކެއް މުޖުތަމައަށް އަންނާނެ ކަމެއް ކަމަށް އިލްމުވެރިން އިންޒާރުދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު