ރޯޖް ކޭމްޕް އިން ދިޔަ އޮސްޓްރޭލިޔާގެ މީހުން
ރޯޖް ކޭމްޕް އިން ދިޔަ އޮސްޓްރޭލިޔާގެ މީހުން
ކުރުދީ ހަނގުރާމަވެރިންގެ އަތް ދަށުގައިވާ ރޯޖް ކޭމްޕް ގައި ތިބި އޮސްޓްރޭލިއާގެ އަންހެނުންނާއި ކުޑަކުދިންތަކެއް، ގެންގޮއްސި ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

އޭބީސީ ނިއުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ގުރޫޕުގައި ހިމެނެނީ އޮސްޓްރޭލިއާގެ ރައްޔިތުން ކަމަށްވާ 7 އަންހެނުންނާއި 13 ކުޑަކުދިންނެވެ. މިއީ ސީރިއާގެ އިރުއުތުރުގައިވާ އަލް-ރޯޖް ޑިޓެންޝަން ކޭމްޕުގައި ތިބި އޮސްޓްރޭލިއާގެ އެންމެ ފަހު ރައްޔިތުން ކަމަށް ބެލެވެއެވެ. މި މީހުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޭމްޕުން ނުކުމެ، ސީރިއާ ސަރުކާރުގެ ބެލުމުގެ ދަށުން ދިމިޝްޤަށް ދަތުރުކޮށް، އެނބުރި ޤައުމަށް ދިއުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމަށްފަހު ވަނީ އެނބުރި އޮސްޓަރޭލިއާ އަށް ގޮސްފައެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެނބުރި ޤައުމަށް އައުމުގެ ޤާނޫނީ ޙައްޤު އޮންނާތީ، އެކަން ދާއިމީކޮށް ހުއްޓުވުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މީހުން އޮސްޓްރޭލިއާއަށް ދިއުމާއެކު، އޭގެ ތެރެއިން ތިން މީހަކު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭން އެއް އަންހެނަކު ހައްޔަރު ކުރީ ޓެރަރިސް ކަމަކާ ގުޅިންގެން، ދެން ތިބި ދެމީހުން ބަންދުކުރީ ސީރިޔާ ގައި އަޅަކުގެންގުޅެގެންނެވެ. އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހުން ހާމަކުރި ގޮތުގައި، ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއްގައި ބައިވެރިވެފައިވާ މީހަކު ނަމަ، އެ މީހަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ. މި މީހުން އެނބުރި އައުމާ ގުޅިގެން މެލްބަން އަދި ސިޑްނީގެ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

މި ރޯޖް ކޭމްޕް އަކީ މިހާރުވެސް ވަރަށް ގިނަ ދިވެހި އަންހެނުންނާއި ކުޑަކުދިން ވެސް ތިބި ކޭމްޕެކެވެ. އެމީހުން ގެނެސް ދިނުމަށް އާއިލާ ތަކުން އަންނަނީ ވޭތު ވެދިޔަ ތިން ދައުރުގައިއާއި މިދައުރުގައިވެސް ސަރުކާރަށް އާދޭސް ދަންނަވަމުންނެވެ. މިދައުރުގައިވެސް އަދި ނިމިދިޔަ ދައުރުތަކުގައިވެސް ވެރިން ވިދާޅުވަމުން އައީ ވަރަށް ގާތުން ބައްލަވަމުންގެންދަވާ ކަމަށާއި ސީރިޔާގައި ވަކި ސަރުކާރެއް ގާއިމުވެފައި ނެތުމުން އެތަނުގައި ތިބި ދިވެހިން ގެނައުމުގެ ކަންކަން ހަމަޖެއްސުމަށް ބޮޑެތި ދަތިތަކެއް ހުރީމަކަމަށެވެ. ނަމަވެސް މިހާރު ސީރިޔާގައި ވަނީ ސަރުކާރެއްވެސް ވަނީ ގާއިމުވެފައެވެ. އެހެންކަމުން އެތަނުގައި ތިބި މައިންނާ ކުޑަކުދިންގެ އެދުމަކީ އެންބުރި މިފަސްގަނޑަށް އާދެވޭނެ ގޮތެއް ސަރުކާރުން ހަމަޖައްސާދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު