ސެނެޓަރު ފާތިމާ ޕޭމަން
ސެނެޓަރު ފާތިމާ ޕޭމަން
އޮސްޓްރޭލިއާގެ ސެނެޓަރު ފާތިމާ ޕޭމަން، އެކަމަނާގެ ހަ މަހުގެ ތުއްތު ދަރިކަނބަލުން އާލިއާ އުރާލައްވައިގެން ސެނެޓުގައި ތަޤުރީރު ކުރައްވަނިކޮށް ފެނުނު ހިތްގައިމު މަންޒަރުތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި މަންޒަރު އިތުރަށް ފުރިހަމަވެގެން ދިޔައީ، ފާތިމާގެ ފަހަތްޕުޅުގައި އިންނެވި ސެނެޓަރު ލީޑިއާ ތޯޕް އެ ތުއްތު ކުއްޖާއާ ލޯބިން ސަކަރާތްޖައްސަވައި، ކުޅުއްވަން އިންނެވި މަންޒަރު ފެނިގެން ދިއުމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ބޭއްވި ސެނެޓުގެ ޖަލްސާއެއްގައި މި މަންޒަރު ފެނިގެންދިޔައީ ފާތިމާ ޕޭމަން ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައެވެ. ފާތިމާ ތަޤުރީރު ކުރައްވަމުން ގެންދެވި ވަގުތު، ފަހަތްޕުޅުގައި އިންނެވި ތޯޕް ގެންދެވީ ތަފާތު ވައްތަރުތައް ޖައްސަވައި، "ޕީކް-އަ-ބޫ" ކުޅުއްވައިގެން އެ ތުއްތު ކުއްޖާގެ މޫނުމައްޗަށް ހިނިތުންވުން ގެނުވަމުންނެވެ.

ވެސްޓަން އޮސްޓްރޭލިއާ ތަމްސީލުކުރައްވާ މިނިވަން ސެނެޓަރު ފާތިމާ، ވަރަށް ހަމަޖެހިވަޑައިގެން ހުންނަވައި ދަރިފުޅު އުރާލައްވައިގެން ވާހަކަދެއްކެވިއިރު، ތޯޕްގެ ސަކަރާތުގެ ސަބަބުން ކުއްޖާ އިނީ ވަރަށް އުފަލުންނެވެ. މަޖިލީހުގެ ރަސްމީ އަދި ސީރިއަސް މާހައުލުގެ ތެރެއިން މި މަންޒަރު ފާހަގަވެގެން ދިޔައީ ވަރަށް ތަފާތު، އުފާވެރި މަންޒަރެއްގެ ގޮތުގައެވެ.

މި ހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިއާގެ ސެނެޓުން "ޑިޖިޓަލް ޑިއުޓީ އޮފް ކެއާ" ބިލް ފާސްކުރި ތާރީޚީ ދުވަހުގައެވެ. މި ބިލާ ގުޅޭގޮތުން ފާތިމާ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، މިއީ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން އިންސާނިއްޔަތަށްވުރެ ބޮޑަށް މާލީ ފައިދާއަށް އިސްކަންދޭ އުސޫލުތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ޤާނޫނަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކާއި، ޚާއްޞަކޮށް ޅަދަރިން ޑިޖިޓަލް ދުނިޔޭގެ ނުރައްކާތަކުން ރައްކާތެރިކުރުމަށް ބާރުއަޅާ ޤާނޫނެކެވެ.



އިންޓަނެޓުގައި ދައުރުވަމުންދާ މި ވީޑިއޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، މައިވަންތަކަމުގެ ޒިންމާއާއި ވަޒީފާގެ މަސްއޫލިއްޔަތު އެއްހަމައެއްގައި އަދާކުރެއްވި ފުރިހަމަ ގޮތަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.

އޮސްޓްރޭލިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ދަރިން ގޮވައިގެން އުޅުމުގެ ހުއްދަ އޮވޭ

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާ ޚިލާފަށް، އޮސްޓްރޭލިއާގެ ސެނެޓުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން، މެންބަރުންނަށް އެބޭފުޅުންގެ ތުއްތު ދަރިން މަޖިލީހުގެ ތަޅުމަށް ވެެއްދެވުމުގެ ފުރިހަމަ ހުއްދަ އޮވެއެވެ. އަދި މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ވަގުތުތަކުގައި ކުދިންނަށް ކާންދީ، އެކުދިންގެ ކަންކަން ބެލެހެއްޓުމުގެ ފުރުސަތުވެސް މެންބަރުންނަށް ލިބިދެއެވެ.

މިފަދަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވަނީ، ތުއްތު ދަރިންގެ ޙައްޤުތަކާއި އެކުދިންނަށް ދޭންޖެހޭ އަޅާލުމުން މަޙްރޫމްނުކޮށް، މަޖިލީހުގެ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މައިންބަފައިންނަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައެވެ. ފާތިމާ ޕޭމަން އަކީ ވެސްޓަން އޮސްޓްރޭލިއާ ތަމްސީލުކުރައްވާ ސެނެޓަރުންގެ ތެރެއިން، މަޤާމުގެ ދައުރުގެ ތެރޭގައި ވިހެއި ފުރަތަމަ ސެނެޓަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ހުޅަނގު އޮސްޓްރޭލިއާ ތަމްސީލުކުރައްވާ އަދި 'އޮސްޓްރޭލިއާސް ވޮއިސް' ޕާޓީގެ ލީޑަރު، އުމުރުން 30 އަހަރުގެ ފާތިމާ ޕޭމަންއަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ވިހެއުމާއި ދަރިން ބެލުމާ ގުޅުންހުރި ކަންކަމުގެ މުހިންމުކަމާ ބެހޭގޮތުން އަބަދުވެސް އަޑުއުފުއްލަވާ ބޭފުޅެކެވެ.

ދަރިފުޅާއެކު މަޖިލީހުގެ ތަޅުމުން އެކަމަނާ ފެނިވަޑައިގަތުމުން، މައިވަންތަކަމުގެ ޒިންމާތަކާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ހަމަހަމަކަމާއެކު އުފުލުމާމެދު އަނެއްކާވެސް ގިނަ ބައެއްގެ މެދުގައި ވަނީ ވާހަކަދެކެވެން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު