އަލީ އަފްލަހު
އަލީ އަފްލަހު
މަގާމުގެ ނުފޫޒާއި އިތުބާރު ނަހަމަ ގޮތުގައި ހިފައިގެން 16 އަހަރުގެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، "ބްރައިޓް މައިންޑްސް" ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުލަތުން ބޮޑެތި ދައުވާތަކެއް އުފުލައި ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އަފްލަހުގެ މައްޗަށް ޖުމްލަ ހަ ދައުވާއެއް ވަނީ ކޯޓަށް ފޮނުވާފައެވެ. މިކަން ކަށަވަރުކޮށްދެއްވަމުން ޕީޖީ އޮފީހުން ވިދާޅުވީ، އޭނާގެ މައްޗަށް ގާނޫނީ ގޮތުން ސީރިއަސް ދައުވާތަކެއް އުފުލިފައިވާ ކަމަށެވެ.

އަފްލަހުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ ދައުވާގެ ތަފްސީލަށް ބަލާއިރު، މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއަކާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ.

މީގެ އިތުރުން، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކާއި، މައްސަލައިގެ ހަގީގަތް އޮޅުވާލަން އުޅުމުގެ ގޮތުން އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

މި ދައުވާތައް އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ރިއާޔަތްކޮށެވެ.

ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އަނިޔާ ލިބުނު އަންހެން ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން، އެކި ދުވަސްތަކެއްގެ މަތިން އަފްލަހު ވަނީ އެ ކުއްޖާއަށް ބޮޑެތި ޖިންސީ ގޯނާތަކެއް ކޮށްފައެވެ.

މި ބިރުވެރި މައްސަލަ ފަޅާއެރުމާއެކު، އަފްލަހު ވަނީ ގާނޫނީ ފިޔަވަޅުތަކުން ރެކުމުގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައެވެ. ނަމަވެސް، އިންޑިއާގެ މުމްބާއީން ފްލައިޓެއްގައި އޭނާ އެނބުރި ރާއްޖެ އައި ވަގުތު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކުރި އަފްލަހު، މައްސަލައިގެ ސީރިއަސްކަމަށްޓަކައި މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގައެވެ. ކޯޓުން އެންމެ ފަހުން އޭނާގެ ބަންދަށް އިތުރުކޮށްދިން 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށް އޮތް ތަނުގައި ކޯޓުގައި ފެށިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު