ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23:00 އެހައިކަންހާއިރު ކަމަށެވެ.މި މާރާމާރީގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އަދި އަނިޔާވި ފަރާތަށް ފުރަތަމަ ގއ. ގެމަނަފުށީ ސިއްޚީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ގއ. ވިލިނގިލި ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ހަރަކާތްތެރިވެ، މާރާމާރީ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގްކުރަމުންނެވެ.

ރާއްޖޭގައި ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތަކުގެ މައްސަލަ ބޮޑުވެފައިވާއިރު، އިއްޔެ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައިވެސް ބިދޭސީންގެ ބައެއްގެ މެދުގައި ހިންގި މާރާމާރީއެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް އެ ހާދިސާގެ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ދަނީ އެ މައްސަލަވެސް ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު