އިދިކޮޅު ފަރާތްތަކުން މޫނަށް އެއްވެސް ކުލަވަރެއް ނުވަތަ ރުލެއްވެސް އަރުވާނުލައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، މިއީ ދޮގު ހެދުމުގެ މުޅިން އެހެން ލެވެލްއެއްގެ ސިޔާސީ އަމަލުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

​ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް މަގާމުން ވަކިކުރާ ނުވަތަ ވަކިވާން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަމައެކަނި ފާޑެއްގެ "ގޮސިޕް" އެއް ކަމަށެވެ.

​"މިއީ ޕޮލިޓިކްސެއްވެސް ނޫން. ޑާޓީ ޕޮލިޓިކްސެއްވެސް ނޫން މިއީކީ. މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސް. ޑެސްޕަރޭޓްނަސް ޓު ދަ މެކްސިމަމް ނޫންތޯ މިއީ؟" ރައީސް ސުވާލު ކުރެއްވިއެވެ.

​ރައީސް މުޢިއްޒު ވިދާޅުވީ، ދޮގު ހަދަމުން ގޮސް އަމިއްލަ މީހާ ފަލީހަތްވެގެންދާއިރުވެސް އެކަމާ ދެރަނުވެ، ހަމަ ވަރިހަމަކޮށްލައިގެން ތިބޭ ހިސާބަށް ރާއްޖޭގެ ސިޔާސީ މައިދާން މިއަދު ގޮސްފައިވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ހައްދަވައިގެން ތިއްބެވި ބޭފުޅުން ކުރައްވާ މިފަދަ ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

​މި ގައުމުގައި މިހާރު ނެތީ "ޒިންމާދާރު އޮޕޮޒިޝަނެއް" (އިދިކޮޅު ބައެއް) ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިދިކޮޅުގައި މިހާރު އޮތީ ހަމައެކަނި ތާކުންތާކުނުޖެހޭ އަދި އެއްވެސް ބޭސެއް (ބިންގަލެއް) ނެތް ބޭސްލެސް ވާހަކަތައް ދެއްކުން ކަމަށެވެ. އަދި ގައުމުގެ މަތީ މަގާމުތައް އަދާކޮށްފައި ތިއްބެވި ބޭފުޅުންނާއި އެބޭފުޅުންގެ އަރިސް ބޭފުޅުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގަވާތީ، ރާއްޖޭގެ ސިޔާސީ މައިދާނާ މެދު ވަރަށް ބޮޑަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

​"އޮޕޮޒިޝަނަކީ ޒިންމާދާރު ބަޔަކަށް ނުވަންޏާ އެއީ އޮޕޮޒިޝަނެއް ނޫން،" ރައީސް ވިދާޅުވިއެވެ.

​ނައިބު ރައީސް ވަކިވާން އުޅޭ ކަމަށް ބުނާ ވާހަކައަށް އިތުރަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެއީ އެއްވެސް ވަރެއްގެ ތެދެއް އެކުލެވޭ ވާހަކައަކަށް ނުވާތީ އެކަމާ ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއްވެސް ނެތް ކަމަށެވެ. ނަމަވެސް، އެއްވެސް ވަރަކަށް ތެދެއް ނުހަދައި، މޫނަށް އަރާ ކުލަވަރަށްވެސް ބަދަލެއް ނުގެނެސް، ދިހަ ބާރަ މިނެޓް ވަންދެން ވާހަކަ ދައްކާލަން އިދިކޮޅު ފަރާތްތަކަށް ކެރޭތީ އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ ވަކި ބޭފުޅަކު ކުރައްވާ ކަމެއް ނޫން ކަމަށާއި، އިދިކޮޅުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އަމަލުތައްވެސް ހުރީ މި މަގުން ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ ގުޅިގެން ސިންގަޕޫރުގައި ބައްދަލުކުރެއްވި ކަމަށް ބުނެ އިދިކޮޅު ފަތުރަމުންދާ ވާހަކަތައް ރައީސް ދޮގުކުރެއްވިއެވެ.މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށްފަހު، އެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މިއަދު ވަނީ އިންތިޚާބުކޮށްފައެވެ. ނާޒިމް ވަކިކުރުމާ އެކު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން، ރައީސް ސިންގަޕޫރަށް ވަޑައިގަތީ އޭނާއާ ބައްދަލުކުރައްވަން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން މިއަދުގެ މީޑިއާ ބްރީފިންގްގައި ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެއީ "ދޮގުގެވެސް އެހެން ލެވެލްއެއް" ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް މާ ކުރިންސުރެ ރާއްވަވާފައި އޮތް ދަތުރެކެވެ.

"އަޅުގަނޑު [ސިންގަޕޫރަށް] ދިޔައީ ޗުއްޓީއަށް. އަޅުގަނޑުގެ ފެމިލީއާ އެކީ ވަގުތުކޮޅެއް ހޭދަކުރަން. އަޅުގަނޑު ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑެއް ނާޒިމްއާ އެކީގައި ދައްކާ ވާހަކައެއް، ދައްކާނެ ވާހަކައެއް ވެސް، މަޝްވަރާއެއް ވެސް ނެގޯސިއޭޝަނެއް ވެސް ނެތް، އެކަމަކާ ވިސްނާފައެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ދަތުރުފުޅަކީ ހަމައެކަނި އާއިލީ ޗުއްޓީއެއްކަން ސާބިތުކޮށްދޭނެ ގިނަ ހެކިވެރިންތަކެއް ތިބިކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ނަންތައްވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި، ހައިކޮމިޝަނުގެ މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުންނަކީ އެކަމުގެ ހެކިން ކަމުގައި ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރު ދަތުރުފުޅާ ގުޅުވައިގެން ދެކެވޭ ވާހަކަތަކާ މެދު ނުރުހުން ފާޅުކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، މިއީ މިހާތަނަށް ދޮގުގެ ތާރީޚުގައިވެސް ނަމެއް ދެވިފައިނުވާ ފަދަ މަތީ ދަރަޖައެއްގެ ދޮގުތަކެއް ކަމަށެވެ.

"އެހެންވީމާ ދޮގުގެ ވެސް، ބުހުތާނު ދޮގަށް ވުރެ ވެސް އެހެން ލެވެލް އެއް، އެހެން ނަމެއް ކިޔަން ޖެހިއްޖެ މިއަށް. ބުހުތާނު ދޮގު[ކަމަށް] އަޅުގަނޑު ހީކުރަނީ އެންމެ މައްޗަށް ހުންނަނީ. އެއަށް ވުރެ ވެސް މައްޗަށް މި ދިޔައީ،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު