ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި މަޖިލިސް މެމްބަރުން އިންތިޚާބުކުރި ޒަމާން މިހާރު ފާއިތުވެ ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނު ވިދާޅުވެއްޖެއެވެ.

ސިނާނު މިހެން ވިދާޅުވީ ހުސްވެފައިވާ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ މެމްބަރު ސިނާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިހާރު ފެންނަމުންދަނީ ރާއްޖޭގެ ތާރީޚުގައި މީގެކުރިން ދުވަހަކު ވެސް ނުދެކޭ ފަދަ ހާމަކަން ބޮޑު ސިޔާސަތުތަކެއް ކަމަށެވެ. އެގޮތުން، ރައީސާއި ވަޒީރުން ގަވާއިދުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބުދާރީވެވަޑައިގަންނަވާ މަންޒަރު މިއަދު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިނާނު ވިދާޅުވީ، މިއަދު އެ ދާއިރާ އަށާއި މުޅި އައްޑޫ ސިޓީ އަށް ބޭނުންވަނީ ސަރުކާރާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ ތަސައްވަރެއް ހުރި މެންބަރެއް ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އައްޑޫ ސިޓީގެ ކުރިމަގާއި ތަރައްޤީއަށްޓަކައި، މިފަހަރުގެ އިންތިޚާބުގައި އަހުމަދު ސަޢީދު (ސޮޑާ) އިންތިޚާބު ކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް ސިނާނު ވަނީ ވިދާޅުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަން ބާއްވަންޖެހުނީ ސާބިތު ދަރަންޏަކަށް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން، އެ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު