ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށްޓަކައި 160،000 ވޯޓު ހޯދަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން ތެރެއިން ކުޅުދުއްފުށީ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން،​ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ 160،000 ވޯޓު ހޯދުމަށްޓަކައި އެ ހުރިހާ ރައްޔިތުންނާ އެމްޑީޕީން ބައްދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ހުރިހާ އެންމެން ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

​"އަޅުގަނޑަކަށް ނެތް މި މަސައްކަތެއް ކުރެވޭކަށް އަޅުގަނޑު ގަޔަކު ނެތް މި ޕާޓީގާ ނެތް ފެންވަރެއް އަދި ނެތް ހިތްވަރެއް، ތިބޭފުޅުން ގާގާ ހުރި ހިއްވަރެއް އަޅުގަނޑުގެ ކިބައިގާވެސް ހުރީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

​އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުއައްސަސާއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީން 51 އިންސައްތަ ވޯޓު ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ 51 އިންސައްތަ ރައްޔިތުންނާ، އެމަނިކުފާނުގެ އިތުރުން ޕާޓީގެ އެހެން އިސްވެރިން ކަމަށްވާ ފައްޔާޒު އިސްމާޢީލް ވެސް ބައްދަލުކުރައްވަން ވަޑައިގަންނަވަން ޖެހޭނެ ކަމަށާއި، ކޮންމެ ރައްޔިތެއްގެ ގާތަށް ޕާޓީން ދާންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.​މީގެއިތުރުން، މި މަސައްކަތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ މޭޔަރުގެ އިތުރުން، އައްޑޫ ސިޓީގެ މޭޔަރާއި، ފުވައްމުލަކު ސިޓީގެ މޭޔަރާއި، މާލެ ސިޓީގެ މޭޔަރު ވެސް ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކުދި ރަށްރަށުގެ ކައުންސިލްތަކާއި، އެ ކައުންސިލްތަކުގެ ރައީސުންނާއި، އެމްޑީޕީގެ ދާއިރާތަކާއި ގޮފިތަކުގެ ރައީސުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެން އެކީގައި ގުޅިގެން ނުކުމެ މި މަސައްކަތް ކާމިޔާބުކުރަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ​ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އެމަނިކުފާނަށް ވޯޓު ދެއްވުމަށް ވަރަށް ބޮޑަށް އާދޭސްކުރައްވާ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު